ރިޕޯޓު ލިޔުން
ރިޕޯޓަކީ ކޮބާ؟
މި ސުވާލުގެ
ޖަވާބުގައި ރިޕޯޓަކީ މިއީއޭ ބުނެ ވަކި ވައްތަރެއް ކަނޑައެޅުމަކީ ވަރަށް ދަތި
ކަމެކެވެ. ސަބަބަކީ ރިޕޯޓުގެ ވައްތަރުތައް ގިނަކަމާއި، އެކި ވައްތަރުގެ ރިޕޯޓް
ލިޔާގޮތްވެސް ތަފާތު ވީމައެވެ. އެހެންނަވަމެސް ގިނަ ރިޕޯޓަކީ ކޮންމެވެސް
ބާވަތެއްގެ ދިރާސާއެއްގެ މައްޗަށް ޙަޤީޤީ މައުލޫމާތު ހިމަނައިގެން ލިޔާލިޔުމެކެވެ.
އިމްތިޙާނުގައި ލިޔަން ޖެހެނީވެސް މިފަދަ ރިޕޯޓެކެވެ. އިމްތިޙާނުގައި ލިޔާރިޕޯޓަކީ
ޚިޔާލީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔާ ރިޕޯޓެއް ކަމުގައި ވިޔަސް
އެރިޕޯޓުގައި ދިރާސާ ކުރިކަމާއި، އެ ދިރާސާއިން ހޯދި މަޢުލޫމާތު ގަބޫލުކުރެވޭ ފަދަ
ގޮތަކަށް ހުށަހަޅަން ޖެހޭނެއެވެ.
ކޮންމެ ރިޕޯޓެއްގައިވެސް ހިމަނަން ޖެހޭނެ މުހިއްމު
ބައިތައް.
1. ތަޢާރަފު
2. ކަންހުރިގޮތް ނުވަތަ ކަން ހިނގިގޮތް ނުވަތަ
މައްސަލަތައް
3. ހައްލު ނުވަތަ ނިންމުން
1. ތަޢާރަފު
ރިޕޯޓުގެ
ތަޢާރަފުގައި ރިޕޯޓުގެ މަޤުޞަދާއި، ރިޕޯޓްލިޔަން މަޢުލޫމާތު ހޯދިގޮތާއި، ރިޕޯޓް
ބިނާވެފައި ވަނީ ކޮންމަޢުލޫމާތު ތަކެއްގެ މައްޗަށް ކަމާއި، ރިޕޯޓުލިޔާ
ޙައިސިއްޔަތު ބަޔާންކުރަން ޖެހޭނެއެވެ.
2. ކަންހުރިގޮތް ނުވަތަ ކަން ހިނގިގޮތް ނުވަތަ
މައްސަލަތައް
ރިޕޯޓުގެ މިބައި ލިޔުމުގައި ވިސްނަންވީ ލިޔާ
ރިޕޯޓުގެ ބާވަތަށެވެ. ރިޕޯޓް ލިޔަން ދީފައިވާ ސުވާލުގައި ރިޕޯޓުލިޔަންޖެހޭ ސުރުޚީ
ދީފައިވާނަމަ އަރިމަތީ ސުރުޚީތައް ކަނޑައަޅަން ޖެހޭނީ ދީފައިވާ ސުރުޚީއާމެދު
ފުންކޮށް ވިސްނުމަށް ފަހު އެ ސުރުޚީއާ ގުޅޭ ގޮތަށެވެ. ސުވާލު ދީފައި ވަނީ
އަމިއްލައަށް ސުރުޚީއެއް ކަނޑައަޅައިގެން ރިޕޯޓުލިޔާގޮތަށް ކަމަށް ވެއްޖެނަމަ،
ރިޕޯޓުލިޔަން ދީފައިވާ ދާއިރާއާ ގުޅޭ ވީހާ ގިނަ މައުލޫމާތު ހުށަހެޅޭ ގޮތަށް
ރިޕޯޓުގެ މައިގަނޑު ސުރުޚީ ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން
ޙާލަތުބަޔާންކުރާ ރިޕޯޓެއްނަމަ އެ ރިޕޯޓުގެ އަރިމަތީ ސުރުޚީތައް ކަނޑައަޅާއިރު
ވިސްނަންވީ އެ ރިޕޯޓު ލިޔާ ކަމެއްގެ
ޙާލަތު ރަނގަޅަށް ބަޔާންކުރެވޭ ކަހަލަ ގޮތަކަށް ސުރުޚީތައް ކަނޑައެޅުމަށެވެ. ކަން
ހިނގިގޮތް ބަޔާންކުރާ ރިޕޯޓެއްގައިނަމަ ސުރުޚީތައް ލިޔާނީ ހިނގާފައިވާ
ކަންތައްތައް ބަޔާންކުރެވޭކަހަލަ ގޮތަކަށެވެ. މައްސަލަ ބަޔާންކުރާ ރިޕޯޓެއްގައި
ނަމަ ސުރުޚީންވެސް އެއީ މައްސަލައެއްކަން ދޭހަވާގޮތަށް ސުރުޚީ ކަނޑައެޅުމަކީ
މުހިއްމު ކަމެކެވެ.
ރިޕޯޓްގެ މައިގަނޑުގައި ހިމެނޭ ކޮންމެ މަޢުލޫމާތެއް ވަކި އަރިމަތީ
ސުރުޚީއެއްގެ ދަށުން ލިޔުމަކީ މުހިއްމު ކަމެކެވެ. މި ގޮތުން ކޮންމެ އަރީމަތީ
ސުރުޚީއެއްގެ ދަށުން ލިޔުން ރަނގަޅީ އެއް ޕެރެގްރާފެވެ. ނަމަވެސް އަރިމަތީ
ސުރުޚީގެ ދަށުން ހުށަހަޅާ މަޢުލޫމާތުގެ ބާވަތުން އެސުރުޚީގެ ދަށުން ލިޔާ
ވާހަކަތައް ޕެރެގްރާފު ކުރެވިދާނެއެވެ. އަރިމަތީ ސުރުޚީއެއް ކަނޑައެޅުމަށް ފަހު އެ
ސުރުޚީއާ ނުގުޅޭ ވާހަކަތައް އެ ސުރުޚީގެ ދަށުން ލިޔެގެން ނުވާނެއެވެ.
ރިޕޯޓު
ލިޔުމުގައި ބޭނުންކުރަން ޖެހޭނީ ރަސްމީ ބަހުރުވައެވެ. އަމިއްލަ ޒާތީވާހަކަތަކާއި،
ރަސްމީނޫން ބަހުރުވަ ރިޕޯޓު ލިޔުމުގައި ހިމެނުމަކީ ބޭނުންކަމެއް ނޫނެވެ. ރިޕޯޓުގައި
ލިޔާ ކޮންމެ ޖުމުލައަކީ ރިޕޯޓަށް މަޢުލޫމަތު އިތުރުކޮށްދޭ ޖުމުލައެއް ކަމަށް
ހެދުމަކީ މުހިއްމު ކަމެކެވެ.
ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިޔާ ރިޕޯޓެއްނަމަ ޢަދަދުބަހުރުވަ ބޭނުން
ކުރަންޖެހޭނެއެވެ. މިސާލަކަށް '' %45 މީހުން ދެކޭގޮތުގައި ނުވަތަ ސުވާލުކުރެވުނު
200 މީހުންގެތެރެއިން 78 މީހުން ބުނެފައި ވަނީ '' މި ފަދަ ގޮތަކަށް ޢަދަދު
ބަހުރުވަ ބޭނުން ކުރެވިދާނެއެވެ.
3. ހައްލު ނުވަތަ ނިންމުން
ކަންހިނގިގޮތް ބަޔާންކުރާ ރިޕޯޓުގައި ގެންނާނީ ނިންމުމެކެވެ. ނިންމުމުގައި
އެފަދަ ކަމެއް ކުރުމުގައި ކުރިޔަށް އޮތްތާނގައި ވިސްނަން ޖެހޭކަންތައްތަކާއި،
އެރިޕޯޓުގެ ބާވަތުން އެކަމަކީ ބަޔަކުޒިންމާ އުފުލަންޖެހޭ ފަދަ ކަމެއް
ބަޔާންކުރަންޖެހޭ ރިޕޯޓެއްނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތް ނުވަތަ ފަރާތް
ތަކަކީ ކޮބައިކަން ބަޔާން ކުރަންޖެހޭނެއެވެ.
ޙާލަތު
ބަޔާންކުރާ ރިޕޯޓުގައި ގެންނާނީ ހައްލެއްތޯ ނުވަތަ ނިންމުމެއްތޯ ކަނޑައަޅާނީ
ރިޕޯޓުގެ މައިގަނޑުގައި ހުށަހެޅި ނުކުތާތައް ހުށަހަޅާފައިވާ ގޮތަށް ބަލާފައެވެ. އެ
ޙާލަތު މެދުވެރިވީ ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުންކަމަށް ރިޕޯޓުގައި
ބަޔާންކޮށްފައިވާނަމަ އެ ރިޕޯޓުގައި ގެންނަން ޖެހޭނީ ހައްލެކެވެ. ރިޕޯޓުގެ
މައިގަނޑުގައި ހިމަނާފައި ވަނީ އެ ޙާލަތު އޮތްގޮތް ކަމަށް ވެއްޖެނަމަ ރިޕޯޓުގައި
ހިމަނާނީ ނިންމުމެކެވެ. ހާލަތު ބަޔާންކުރާ ރިޕޯޓުގައި ނިންމުމެއް ގެނެޔަސް އަދި
ހައްލެއް ގެނެޔަސް ރިޕޯޓުގެ މައިގަނޑުގައި ހިމެނި ހުރިހާ ނުކުތާތަކަށް
އަލިއަޅުވައި، އެ ހާލަތު ބަދަލުކުރާނެ ގޮތެއް ނުވަތަ ގޮތްތަކެއް ބަޔާންކުރަން
ޖެހޭނެއެވެ. ގިނަ ޙައްލުތަކެއް ހުށަހެޅުމުގެ ބަދަލުގައި ރިޕޯޓުގައި ހިމެނި ހުރިހާ
މައްސަލަތައް ޙައްލުކުރެވޭފަދަ އެއް ޙައްލު ހުށަހެޅުމަށް ސަމާލުކަން
ދޭންޖެހޭނެއެވެ.
މައްސަލަ ބަޔާންކުރާ ރިޕޯޓެއްގައި ގެންނާނީ ހައްލެކެވެ. ހައްލުގައި
ރިޕޯޓުގެ މައިގަނޑުގައި ހިމެނި ހުރިހާ މައްސަލަތަކާމެދު ފުންކޮށް ވިސްނުމަށްފަހު
ހުރިހާ މައްސަލަތައް ހައްލުވާފަދަ އެއްހައްލު ނުވަތަ ޙައްލުތަކެއް ހުށަހަޅަން
ޖެހޭނެއެވެ.
ބަހުގެ ހަމަޔާއި ޤަވާޢިދު
އެހެނިހެން ލިޔުންތަކެކޭ އެއްފަދައިން ރިޕޯޓު
ލިޔުމުގައިވެސް ބަހުގެ ހަމާޔާޤަވާޢިދަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ވާހަކަދެއްކުމުގެ ދަރަޖަތައް އޮޅުވާލައިގެން ނުވާނެއެވެ. ލިޔުމުގައި ބަހުގެ
މަތީދަރަޖަ ބޭނުންކުރުމަކީ ރިޕޯޓުގެ ޢިބާރާތް ރީތިވާނެކަމެކެވެ. ރިޕޯޓްގެ
ޢިބާރާތްތައް ފަށުވިކުރުމަކީ ބޭނުންކަމެއް ނޫނެވެ. ރިޕޯޓްގައި ލިޔާ ކޮންމެ
ޖުމުލައަކީ ރިޕޯޓަށް މަޢުލޫމާތު އިތު
ރުކޮށްދޭ ޖުމުލައަކަށް ހަދަންޖެހޭނެއެވެ.
ނަމޫނާ ރިޕޯޓު