Top Ad unit 728 × 90

އެންމެ ފަހުގެ

recentsss

ނ. އަތޮޅު ބޮމަސްދޫގެ ކުނީގެ މައްސްލައަށް ހައްލެއް ހޯދުން.

1. ތަޢާރަފު

           މި ރިޕޯޓުގެ މަޤުޞަދަކީ 4،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ނ. އަތޮޅު ބޮމަސްދޫގެ ރައްޔިތުންނަށް، ކުނި އުކާލުމުގެ ރަނގަޅު ނިޒާމެއް ރޭވިފައި ނެތުމުގެސަބަބުން ދިމާވެފައިވާ މައްސަލަތަކާއި އެމައްސަލަތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރުމެވެ. މިރިޕޯޓުގައި ކުނީގެ ސަބަބުން ބޮމަސްދޫއަށް ދިމާވެފައިވާ މައްސަލަ ތަކުގެތެރެއިން ފަރުހަލާކުވުމާއި މޫދުގެ ލޮނުގަނޑު ތަޣައްޔަރުވުމާއި ބަލިތައް ގިނަވުމާއި ވައިނުސާފުވުމާއި މަދިރި ގިނަވުން ފަދަ މައްސަލަތަކަށް ބަލާލާފައި ވާނެއެވެ. މިއީ ބޮމަސްދޫއަށް ގޮސް ކުރި ދިރާސާއިންނާއި އެރަށުގެ އެކިފަރާތްތަކާ ބައްދަލުކޮށް ހޯދިމަޢުލޫމާތުގެ މައްޗަށް މިނިސްޓްރީ އޮފް އެޓޮލްސް ޑިވޮލޮޕްމަންޓްގެ އެންވަރަމަންޓް އެނަލިސްޓް ޢާރިފުހުސައިނު ލިޔެފައިވާ ރިޕޯޓެކެވެ.

 

2.ފަރު ހަލާކުވުން.

           ކުރި ދިރާސާއިންނާއި ހޯދި މަޢުލޫމާތުން އެނގުނުގޮތުގައި މިރަށުގެ ރައްޔިތުންގެ ތެރެއިން %67 މީހުން ކުނިއުކަނީ އެމީހެއްގެ ގެއާ އެންމެ ކައިރި ހިސާބު ގޮނޑުދޮށަށެވެ. މިގޮތަށް އުކާލެވޭ ކުނީގެ ތެރޭގައި ގިނަޢަދަދަކަށް ޕްލާސްޓިކް ކޮތަޅާއި ނައިލޯނުގޯންޏާއި، ނެޕީފަދަ ފަރުތަކަށް ގެއްލުންދޭ ތަކެތި ހުރިކަން ފާހަގަކުރެވެއެވެ. މިތަކެތި އޮޔާގޮސް ފަޅުމަތީގައާއި އުރަފަށުގައިވާ ގާތަކާއި މުރަކަތަކުގައި ހަރުލާފައި ހުއްޓާ ފެނުނެވެ. ކުނީގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ސުވާލުކުރެވުނު 120 މަސްވެރިންގެ ތެރެއިން 90 މަސްވެރިން ބުނެފައިވަނީ ކުނީގެ ސަބަބުން ފަރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ. '' އަހަރަމެން މީގެ 5 އަހަރު ކުރިން އެތެރެވަރީގެ ގިރި، ހާ، ތަކުން އެންނުހިފުނަސް އެހާ ކަންބޮޑެއް ނުވޭ. ސަބަބަކީ މިރަށުގެ ފަރަކީ ވަރަށް ބޮޑު ފަރަކަށް ވެފައި، މިފަރުގައި ނިލަމެހި، ހޮޑެލި، މުގުރާން، ބޯދި ފަދަ އެމުގެ ބާވަތްތައް ވަރަށް ގިނައިން ހުންނާތީ. ނަމަވެސް މިހާރު އެންހިފަން ފަރަށް އެރި ބަލާލުމުން ފެންނަނީ ކޮތަޅާ، ގޯންޏާ، ނެޕީ ފަދަ، ފަރަށް ގެއްލުންދޭ ތަކެތި ފަރުގެ ގާތަކާ މުރަކަތަކުގައި ހަރުލައި އެތަކެތި މަރުވަމުންދާތަން. '' މެދުނުކެނޑި 25 އަހަރު މަސްވެރިކަން ކޮށްފައިވާ ކެޔޮޅަކު ވަރަށް އަސަރާއެކު ކިޔައިދިނެވެ.

 

3.މޫދުގެ ލޮނުގަނޑު ތަޣައްޔެރުވުން.

           ބޮމަސްދޫގެ ރައްޔިތުން ބުނާގޮތުގައި ބޮމަސްދޫގެ ދެކުނު ކޮޅާއި އުތުރުހުޅަނގު ކޮޅުގައި އޮންނަ ރީތި ދެވިލަކީ މިރަށުގެ ރައްޔިތުންނަށް ގުދުރަތުން ދެއްވާފައިވާ ދެ ފަތާފެންގަނޑެވެ. ނަވަމެސް މިހާރު މިދެވިލަކީ ތަފާތު ކުނިބުންޏާއި ކަރުގޮހޮރުން ފުރިފައިވާ ދެތަނެވެ. މޫދު ހަޑިވުމުން ކުރިމަތިވާ މައްސަލަތަކާ ބެހޭގޮތުން ޢުމުރުން 15 އަހަރާ  18 އަހަރާ ދެމެދުގެ 80 ކުދިންނާ ސުވާލުކުރުމުން އޭގެތެރެއިން % 75 ކުދިން ބުނަނީ ކުރިން ރަށުގެ ދެކޮޅުގައިއޮންނަ ދެ ވިލަށް މޫދަށް އެރިއުޅުނަސް މިހާރު އެދެތަނަށް އެރެން ޖެހިލުންވާ ކަމަށެވެ. ކުރިން އެ ދެވިލު މަޑުނޫކުލައިގައި އޮތަސް މިހާރު އެ ދެވިލުވަނީ ދަބަރުކުލައަށް ބަދަލު ވެފައެވެ. ސަބަބަކީ އުކާލެވޭކުނި އެ ދެވިލަށްއެޅި ފެންގަނޑު ތަޣައްޔަރުފެވައި ވާތީއެވެ. '' މިހާރު މޫދަށް އެރެން ބޭނުންވެއްޖެނަމަ އެރެނީ ހަމައެކަނި ފުންދިޔާގައި ރަށުގެ ހުޅަނގުފަރާތަށް. މަސްވެރިކަން ރަނގަޅު ދުވަސްވަރެއްނަމަ އެއްވެސް ދިމާއަކަށް މޫދަށް އެރޭކަށް ނުކެރޭ. ސަބަބަކީ ކުންޏާއި، ކަރުގޮހޮރު މޫދަށް އެޅުމުގެ ސަބަބުން ދުވާވަހުން މޫދާ ކައިރިވާންވެސް ނުކެރޭތީ '' ހިތްހަމަނުޖެހިފައި ހުރި ޒުވާނަކު ނުރުހުންވެ ހުރެ ކިޔައިދިނެވެ.

 

4. ބަލިގިނަވުން

          ކުނިއުކާނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން ރަށުގެ ރައްޔިތުން ކުނިއުކަނީ އެމީހަކު ހިތަށް އެރިތާކަށެވެ. މިހެންވުމުން މިރަށުގެ ސާފިތާހިރުކަން ވަނީ ވަރަށް ދަށު ދަރަޖައެއްގައެވެ. ބޮމަސްދޫގެ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި 2001 ވަނަ އަހަރުންފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުންފަދަ ބަލިތަކުގައި ޞިއްޙީ މަރުކަޒަށް ގެނެވޭ މީހުންގެ ޢަދަދު ދަނީއެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ޞިއްޙީ މަރުކަޒުން މަޢުލޫމަތު ދެއްވި ގޮތުގައި ބޭރަށް ހިންގުންފަދަ ބަލިތަކުގައި މީގެ 3 އަހަރުކުރިން ގެނެވެނީ ދުވާލަކު 7 މީހުނެވެ. ނަމަވެސް މިޢަދަދު މިހާރު ވަނީ 15 އާއި 20 އާ ދެމެދުގެ ޢަދަދަކަށް އިތުރވެފައެވެ. މީގެތެރެއިން %75 އަކީ 10 އަހަރުން ދަށުގެ ކުޑަކުދިންނެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރު މިޢަދަދު އިތުރުވާކަމަށް ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ މަޢުލޫމާތު ދެއްވިއެވެ. ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ އިތުރަށް ވިދާޅުވި ގޮތުގައި ކުނީގެ ސަބަބުން ބަލި ގިނަވާ މައްސަލަ ރައްޔިތުންނަށް އޮޅުންފިލުވައިދީ، މިކަމަށް ހައްލެއް ގެނައުމަށްޓަކައި ވޭތުވެދިޔަ 2003 ވަނަ އަހަރުވެސް ދެފަހަރެއްގެ މަތީން ރައްޔިތުންނާ ބައްދަލުކޮށްފައި ވެއެވެ. ނަމަވެސް އެކަމަށް މާރަނގަޅު ބަދަލެއް އައިސްފައި ނުވެއެވެ.

 

5.ވައި ނުސާފުވުން

           ރަށުގެ މީހުންއުޅޭ ހިސާބާ ކައިރީގައި އޮންނަ ކޮންމެ ހުސްބިންކޮޅަކީ ކުނިގޮނޑެކެވެ. މިހެންވުމުގެ ސަބަބުން މުޅިރަށުތެރޭގައި އެއްވަހަކަށް ހުންނަނީ ކުނިވަހެވެ. ރަށުގައިހުރި ފަޅު ގެތަކުގެތެރެއިން %65 ގޭގެ ގޯތިތެރެއަށް އެ ގެއަކާ ކައިރި ގެތަކުގެ މީހުން ކުނިއަޅައެވެ. ރަށުގެ އިރުމަތިފަރާތުގައި ހުރި ގެތަކުގެތެރެއިން 40 ގެއެއްގެ މީހުން ބުނެފައިވަނީ އިރުވައި މޫސުމުގައި ގަދަޔަށް ވައިޖެހޭއިރު ގޭގައި ދިރިއުޅެން އުނދަގޫވާ ކަމަށެވެ. 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ސުވާލުކުރެވުނު 70 ޒުވާނުންގެ ތެރެއިން %93 ޒުވާނުން ބުނެފައިވަނީ މީގެ 3 އަހަރު ކުރިން ރަށުގެ ދެކޮޅުގައި އޮންނަ ދެ ތުނޑިއަކީ ރަށުގެ ދެޖިންސްގެ ޒުވާނުން ހަވީރުގަޑީގައާއި ހަނދުވަރުދޭ ރޭތަކުގައި ހިތްހަމަޖައްސާލުމަށްޓަކައި މަޑުކޮށްލާ ދެތަނަވެ. ނަމަވެސް މިހާރު އެއިންތަނެއަގައި މަޑުކޮށްލައިގެން ތިބެވޭ ގޮތެއް ނުވެއެވެ. ސަބަބަކީ ހޭޅިފަށާއި ދޮންވެލިގަނޑުގެ މައްޗަށް އުކާލާފައި ހުންނަ ކުނިން ދުވާ ނުބައި ވަހުގެ ސަބަބުންނެވެ.

 

6 މަދިރި ގިނަވުން

           ކުނި އުކާލުމުގެ ހަރުދަނާ ނިޒާމެއް ރޭވިފައި ނެތުމުގެސަބަބުން މިރަށުގައި އުފެދޭ ހުރިހާ ބާވަތެއްގެ ކުންޏެއްވެސް އުކާލަނީ ދިމާވި ކޮންމެ ތާކަށްކަން ކުރި ދިރާސާއިން އެނގުނެވެ. އުކާލެވޭ ކުނީގެތެރޭގައި ތަފާތު ވައްތަރުގެ ދަޅާ ޑަބިޔަލާ ބާތަށި ފަދަތަކެތި ގިނަޢަދަދަކަށް ހުރިކަން ފާހަގަ ކުރެވުނެވެ. މިހެންވުމުން މިތަކެތީގައި ފެންހަރުލައި މަދިރި އާލާވެއެވެ. '' ވިއްސާރަވުމަށް ފަހު ދުވަސްކޮޅެއްވާއިރު މަދިރިތައް ހީވަނީ އަހަރަމެންގެ ޅަދަރިން ގޮވައިގެން ހިނގައި ދާނެހެން '' ފަޅު ދެ ގޯއްޗާ އިންވެގެން ހުންނަ ދުބުރިގޭ ރިސާލާ ކިޔައިދިނެވެ. މަދިރީގެ ސަބަބުންޖެހޭ ތަފާތު ބަލިތަކުގައި ޞިއްޙީމަރުކަޒަށް ދައްކަން އަންނަ މީހުންގެ ޢަދަދު ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި %30 އިތުރުވެފައިވާކަމަށް  ބޮމަސްދޫ ޞިޙީ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

 

7. ޙައްލު

           ކުރެވުނު ދިރާސާއިން އެނގުނު ގޮތުގައި ކުނީގެ މައްސަލައަކީ މިރަށުގެ ތިމާވެއްޓަށާއި، ޢާމްދަނީ ހޯދުމަށް ކުރާމަސައްކަތަށާއި، ރައްޔިތުންގެ ޞިއްހަތަށާއި، އަދި އުފާވެރި ދިރިއުޅުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިމައްސަލައަށް އޮތް އެންމެ ފަސޭހައަދި ދާއިމީ ޙައްލަކީ ބޮމަސްދޫގެ އުތުރުފަރާތުގައި ކުނި އަޅާނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަނަށް އަޅާ ކުނި އޮޔާނުދާނެހެން އެ ސަރަހައްދު ބަންދުކޮށް، ގޭގެއިން އެތަނަށް ކުނިއުކުމުގެ މަސައްކަތް ( އިޢުލާން ކޮށްގެން ) ރަށުގެ ވަކި ފަރާތަކާ ޙަވާލުކުރުމެވެ. މިމަސައްކަތުގެ އަގަށް ރަށުގެ ކޮންމެ ގެއަކުން 30 ރުފިޔާ ކުނި އުކާ ފަރާތަށް ދޭންޖެހޭނެއެވެ. މިގޮތަށް ހެދިއްޖެނަމަ ބޮމަސްދޫއާ އެއްފަޅެއްގައި އުތުރަށް އޮންނަ ކުރެއްދުއާ ބޮމަސްދޫގުޅި ބިމުގެ މައްސަލައަށްވެސް ހައްލެއް އަންނާނެއެވެ.

ނ. އަތޮޅު ބޮމަސްދޫގެ ކުނީގެ މައްސްލައަށް ހައްލެއް ހޯދުން. Reviewed by ވާޖިދާ ހާރޫން on July 18, 2020 Rating: 5
ބަސްނަ © 2020
Powered By Blogger

އިތުރު މައުލޫމާތު ހޯދުމަށް

Name

Email *

Message *

Powered by Blogger.