Top Ad unit 728 × 90

އެންމެ ފަހުގެ

recentsss

ބަދަލުވާ އަކުރު

ތަޢާރަފު

އެއްޗެއް އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވުން ނުވަތަ ނަގުލުވުމަކީ ބަބަދުވުމެވެ. މިގޮތުން ދިވެހި ބަހުގެ މައިގަނޑު އެއް ބައިގެ ގޮތުގައި ހިމަނާފައިވާ އަކުރުގެ ތެރޭގައި ވެސް ބަދަލުވާ އަކުރުތަކެއް އެކުލެވިގެންވެއެވެ. މިއަކުރުތައް ބޭނުން ކުރެވެނީ ވާހަކަދެކެވޭ ހާލަތާ ގުޅިގެންނެވެ. އެހެންނަމަވެސް މި އަކުރުތައް ބޭނުން ކުރިނަމަވެސް (މިސާލު: މެހި-މެއްސެއް) މާނައަކަށް ބަދަލެއް ނާދެއެވެ. ހަމައެކަނި ބަދަލުވަނީ އެލަފުޒު ބޭނުންކުރެވޭ ހާލަތެވެ. މިގޮތުން މި ސްޓަޑީ ނޯޓުގައި ބަލާލާފައިވާނީ ދިވެހި ބަހުގެ ގަވާއިދު ފޮތްތަކުގައި ބަދަލުވާ އަކުރުތައް ކަމަށް ހިމަނާފައިވާ އަކުރުތަކަށާއި، ދިވެހިބަހުގައި ނޫނު ސުކުނަށް ނިމިފައި ހުންނަ ލަފުޒުތައް މީމު ސުކުނަށް ބަދަލުވާ ހަމަ އާއި އަދި "ތ، ހ، ނ، ލ، ފ، ދ، ށ" މި އަކުރުތައް ބަދަލުވުމުގައި ދިވެހި ބަހުގެ ގަވާއިދު ފޮތްތަކުގައި ހުރި ހަމަތަކާ ފުށޫއަރާ ކަމުގެ މައްޗަށެވެ.

 

ގަވާއިދު ފޮތްތަކުގައި ބަޔާންކޮށްފައިވާ ބަދަލުވާ އަކުރުތައް

ދިވެހި ބަހުގެ ގަވާއިދު ފޮތްތަކުގެ ތެރެއިން ބަދަލުވާ އަކުރާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވަނީ ހަތަރު ފޮތެއްގައެވެ. އަދި ތަފާތު ބޭބޭފުޅުން ލިޔުއްވާފައިވާ ގަވާއިދު ފޮތްތަކުގައި ބަދަލުވާ އަކުރުގެ ގޮތުގައި ހިމަނުއްވާފައިވާ އަކުރުތައް ތަފާތުކަން ވެސް ފާހަގަކުރެވެއެވެ. މިގޮތުން އިބުރާހިމް ރުޝްދީ (1359ހ.) ލިޔުއްވާފައިވާ ގޮތުގައި ދިވެހިބަހުގައި ބަދަލުވާ އަކުރުތަކަކީ ނ، ސ، ހ، ތ، ލ، ދ، ށ (ނަސޭހަތާ ލަދަށަ) މިއަކުރުތަކެވެ. އެހެންނަމަވެސް މުޙައްމަދު ޖަމީލު (1970) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިބަހުގައި ބަދަލުވާ އަކުރުތަކަކީ ނ، ސ، ހ، ތ، ލ، ފ، ދ، ށ (ނަސޭހަތާ ލަފާދޭށޭ) މިއަކުރުތަކެވެ. އޭގެ ފަހުން 1991 ވަނަ އަހަރު ދިވެހިބަހާއި ތާރީޙަށް ޙިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުއްވި ދިވެހިބަހުގެ ގަވާއިދު 1،2،3،4 ގައި އިސްވެ ދިޔަ އަކުރުތަކުގެ (ނ، ސ، ހ، ތ، ލ، ފ، ދ، ށ) އިތުރުން "އ" އަދި "ޔ" ވެސް ވަނީ ބަދަލުވާ އަކުރުތަކުގެ ތެރޭގައި ހިމަނުއްވާފައެވެ. އެހެންކަމުން ދިވެހިބަހުގެ ގަވާއިދު ފޮތްތަކުގައި ބަޔާންކޮށްފައިވާ ބަދަލުވާ އަކުރުތަކަކީ ނ، ސ، ހ، ތ، ލ، ފ، ދ، ށ، އ، ޔ އެވެ.


ދިވެހިބަހުގައި ނޫނު ސުކުނަށް ބަދަލުވެފައި ހުންނަ ލަފުޒުތައް މީމަށް ބަދަލުވާ ހަމަ.

ދިވެހިބަހުގެ ގަވާއިދު ފޮތްތަކުގައި "ން" ނަށް ނިމިފައި ހުންނަ ލަފުޒުތައް "މް" ސުކުނަށް ބަދަލުވާ ހަމަ ބަޔާންކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް ކުރެވުނު ދިރާސާއިން ދިވެހިބަހުގައި ނޫނު ސުކުނަށް ނިމިފައި ހުންނަ ލަފުޒުތައް މީމު ސުކުނަށް ނިމެނީ ވަކި ހަމައެއްގެ ދަށުންކަމަށް ހޯދުނެވެ. ދިވެހިބަހަށް ބަލާލާއިރު ދިވެހިބަހުގެ ތެރޭގައި ތަފާތު ބަސްބަހުން ވަދެފައިވާ ލަފުޒުތަކެއް އެކުލެވިގެންވެއެވެ. މިގޮތުން ވަދެފައިވާ ލަފުޒުތަކުގެ ތެރެއިން ދިވެހިބަހުގައި ނަމުގެ ގޮތުގައި ބޭނުންކުރާ ލަފުޒުތަކެއް ވެސް ވެއެވެ.


ތާވަލު 1 (ދިވެހިބަހުގައި ނޫނު ސުކުނަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް މީމު ސުކުނަށް ބަދަލުވާ ގޮތް)

ދިވެހިބަހުގައި ބޭނުންކުރާ ނަމުގެ ލަފުޒު

ނަން އެކަހެރި ކުރާއިރު ބަދަލުވެގެން ދާގޮތް

އަސްލު ލަފުޒު

ބަސް

ގަލަން

ގަލަމެއް

ޤަލަމް

އަރަބި

މުދިން

މުދިމެއް

މުދިމް

އަރަބި

ފާލަން

ފާލަމެއް

ޕާލަމް

ސިންހަޅަ

ހަން

ހަމެއް

ހަމް

ސިންހަޅަ

ފަން

ފަނެއް

ޕަން

ސިންހަޅަ

ކަން

ކަނެއް

ކޮން

ސިންހަޅަ

ރަން

ރަނެއް

ރަން/ރަނާ

ސިންހަޅަ

ވަޒަން

ވަޒަނެއް

ވަތަން

އަރަބި/އުރުދޫ/ހިންދީ

ސޯސް: ހަސަން އަހުމަދު މަނިކު (2000).

ތާވަލު 1 އިން ދައްކައިދެނީ ދިވެހިބަހުގައި ބޭނުންކުރާ ބައެއް ނޫނު ސުކުނަށް ނިމޭ ބައެއް ނަމުގެ ލަފުޒުތަކެވެ. އަދި ބައެއް ލަފުޒުތަކުގެ އަސްލެވެ. މިގޮތުން ތާވަލު 1 އިން ހާމަވާ ގޮތުގައި ނޫނު ސުކުނަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތަކައް އެކަހެރިކުރާއިރު "ން" އޮތް ތާނގައި "މ" އެއް ޖެހެނީ ބޭރު ބަސް ބަހުން ދިވެހިބަހަށް ވަދެފައިވާ ލަފުޒުތަކުގައެވެ. އަދި އެލަފުޒުތަކުގެ ތެރެއިން ވެސް މީމު ސުކުނަށް ނިމިފައި ހުންނަ ލަފުޒުތަކަށެވެ. މިސާލަކަށް "ގަލަން" މިލަފުޒުގެ އަސްލަކީ "ޤަލަމް" އެވެ. ދިވެހިބަހުގައި "ގަލަން" މިލަފުޒު އެކަހެރިކުރާއިރު ބަދަލުވަނީ "ގަލަމެއް" މިގޮތަށެވެ. އެހެންކަމުން އެ ބަދަލުވެގެން ދަނީ އެލަފުޒުގެ އަސްލު ލަފުޒުގައި އޮތް އަކުރަށްކަމަށް ގަބޫލުކުރެވެއެވެ. އެހެން މިސާލަކަށް ބަލާލާއިރު "ފަން" މިލަފުޒު އެކަހެރި ކުރާއިރު ބަދަލުވެގެންދަނީ "ފަނެއް" މިގޮތަށެވެ. މިއީވެސް ދިވެހިބަހުގައި ބޭނުންކުރާ ނޫނު ސުކުނަކަށް ނިމިފައިވާ ނަމުގެ ލަފުޒެކެވެ. އެހެންނަމަވެސް އެލަފުޒު އެކަހެރި ކުރާއިރު ނޫނު ސުކުން، މީމަކަށް ބަދަލެއް ނުވެއެވެ. ނަމަވެސް "ން" އޮތްތަނުގައި "ނ" ގައި އުބުފިލި ޖެހެނީއެވެ. އެހެންކަމުން ދިވެހިބަހުގައި "ން" ނަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތަކުގެ ތެރެއިން އެނަން އެކަހެރި ކުރާއިރު "މ" އަކަށް ބަދަލުވަނީ އެލަފުޒުގެ އަސްލު ލަފުޒު "މ" އަކަށް ނިމޭ ލަފުޒުތަކުގައިކަން ހާމަވެއެވެ.

ދިވެހިބަހުގައި ބޭނުންކުރާ "ކަމުގެ ނަން" އެކަހެރިކުރާއިރު ވެސް (ބަދަލުވާއިރު) "ނ" ސުކުން "މ" އަށް ބަދަލުވެއެވެ.

 

ތާވަލު 2 (ދިވެހިބަހުގައި ބޭނުންކުރާ ކަމުގެ ނަން)

ކަމުގެ ނަން

އެކަހެރިކުރާއިރު ލަފުޒަށް އަންނަ ބަދަލު

ކުރުން

ކުރުމެއް

ކެއުން

ކެއުމެއް

ރިހުން

ރިހުމެއް

ވަނުން

ވަނުމެއް

 ތާވަލު 2 އިން ދައްކައިދެނީ ދިވެހިބަހުގައި ބޭނުންކުރާ ކަމުގެ ނަން އެކަހެރިކުރާއިރު "ނ" ސުކުން "މ" އަށް ބަދަލުވެއެވެ. މިސާލަކަށް "ކުރުން" މިލަފުޒު އެކަހެރިކުރާއިރު ނުވަތަ ބަދަލުވެގެންދާއިރު ބޭނުންކުރަނީ "ކުރުމެއް" މިގޮތަށެވެ. އެހެންކަމުން ދިވެހިބަހުގައި އެކުލެވޭ ކަމުގެ ބަދަލުވެގެންދާއިރު "ނ" ސުކުން "މ" އަށް ބަދަލުވާކަން ހާމަވެއެވެ.

 

"ތ، ހ، ނ، ލ، ފ، ދ، ށ" މިއަކުރުތައް ބަދަލުވުމުގައި ހުރި ފުށުއެރުންތައް.

ދިވެހިބަހުގެ ގަވާއިދު ފޮތްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި “ތ، ހ، ނ، ލ، ފ، ދ، ށ” މިއަކުރުތަކުގައި އިބިފިލި ޖެހިގެން ނިމިފައި ހުންނަ ނަންނަމުގެ ފަހު އަކުރުގެ ކުރިއަށް ސުކުނެއް ކިޔޭގޮތްވުމުން އެއަކުރު އެހެން އަކުރަކަށް ބަދަލުވެއެވެ.

 

ތާވަލު 3 (އަކުރު ބަދަލުވާ ގޮތްކަމަށް ގަވާއިދު ފޮތުގައި ބަޔާންކޮށްފައިވާ ގޮތް)

މިސާލު

ބަދަލުވާ އަކުރު

ލަފުޒު ނިމޭ އަކުރު

މެހި – މެއްސެއް

ސ

ހ

ތަށި – ތައްޓެއް

ޓ

ށ

ފަނި – ފަންޏެއް

ޏ

ނ

ގޮފި – ގޮތްޕެއް

ޕ

ފ

ކަނދި – ކަންޖެއް

ޖ

ދ

ދަތި – ދައްޗެއް

ޗ

ތ

ފަލި - ފައްޔެއް

ޔ

ލ

ސޯސް: މުޙައްމަދު ޖަމީލު (1970)

ތާވަލު 3 އިން ދައްކައިދެނީ މުޙައްމަދު ޖަމީލު (1970) "ތ، ހ، ނ، ލ، ފ، ދ، ށ" މިއަކުރުތައް ބަދަލުވާ ގޮތްކަމަށް ބަޔާންކުރައްވާފައިވާ ގޮތްތަކެވެ. މިގޮތުން އެބޭފުޅާ ލިޔުއްވާފައިވާ ގޮތުގައި "ހ" އިބިފިއްޔަށް ނިމިފައި ހުންނަ ލަފުޒުތައް ބަދަލުވެގެންދާއިރު ބަދަލުވަނީ "ސ" އަށެވެ. "ށ" އަށް ނިމިފައި ހުންނަ ލަފުޒުތައް ބަދަލުވަނީ "ޓ" އަށެވެ. "ތ" އަށް ނިމިފައި ހުންނަ ލަފުޒުތައް ބަދަލުވަނީ "ޗ" އަށެވެ. "ނ" އަށް ނިމިފައި ހުންނަ ލަފުޒުތައް ބަދަލުވަނީ "ޏ" އަށެވެ. "ލ" އަށް ނިމިފައި ހުންނަ ލަފުޒުތައް ބަދަލުވަނީ "ޔ" އަށެވެ. "ފ" އަށް ނިމިފައި ހުންނަ ލަފުޒުތައް ބަދަލުވަނީ "ޕ" އަށެވެ. އަދި "ދ" އަށް ނިމިފައި ހުންނަ ލަފުޒުތައް ނިމިފައި ހުންނަ ލަފުޒުތައް ބަދަލުވަނީ "ޖ" އަށެވެ. އެހެންނަމަވެސް ސުވާލަކީ ދިވެހިބަހުގައި "ތ، ހ، ނ، ލ، ފ، ދ، ށ" މިއަކުރުތަކުގައި އިބިފިލި ޖެހިގެން ނިމިފައި ހުންނަ ހުރިހާ ލަފުޒުތަކެއް އިސްވެ ބަޔާންކުރެވުނު ގޮތްތަކަށް ބަދަލުވޭތޯއެވެ.


ތާވަލު 4

ލަފުޒު

އެކަހެރި ކުރާއިރު ލަފުޒު ބަދަލުވެގެންދާ ގޮތް

ބޮންތި

ބޮންތިއެއް

ޖިންނި

ޖިންނިއެއް

މުއްބެއްދި

މުއްބެއްދިއެއް

ކިއްލި

ކިއްލިއެއް

ފަންތި

ފަންތިއެއް

ބުއްދި

ބުއްދިއެއް

ތާވަލު 3 އިން ދައްކައިދެނީ ދިވެހިބަހުގެ ލަފުޒުތަކުދެ ތެރެއިން "ތ، ހ، ނ، ލ، ފ، ދ، ށ" މިއަކުރުތަކުގައި އިބިފިލި ޖެހިގެން ނިމިފައިވާ ނަން ނަން ބަދަލުވެގެންދާ ގޮތެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަމަކީ ތާވަލު 3 ގައި ބަޔާންކޮށްފައިވާ ހުރިހާ ލަފުޒު "ތ، ހ، ލ، ފ، ދ، ށ" މިއަކުރުތަކުގައި އިބިފިލި ޖެހިގެން ނިމިފައިވާ ލަފުޒުތަކެވެ. އެހެންނަމަވެސް އެލަފުޒުތައް ބަދަލުވެގެން ދާއިރު މުޙައްމަދު ޖަމީލު (1970) އަދި ދިވެހިބަހުގެ އެހެނިހެން ގަވާއިދު ފޮތްތަކުގައި ބަޔާންކޮށްފައިވާ ހަމައަށް ނުފެތޭކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ލަފުޒު އެކަހެރިކޮށްފައިވަނީ ލަފުޒަށް ބަދަލު ނުގެނެސް، ލަފުޒުގެ ފަހަތަށް "އެއް" ގުޅުވައިގެންނެވެ. އެހެންކަމުން ގަވާއިދު ފޮތްތަކުގައި "ތ، ހ، ލ، ފ، ދ، ށ" މިއަކުރުތައް ބަދަލުވާ ގޮތްކަމަށް ބަޔާންކޮށްފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ހާމަވެއެވެ.


ނިންމުން

ދިވެހިބަހުގެ ގަވާއިދު ފޮތްތަކުގައި ބަޔާންކޮށްފައިވާ ތައުރީފުތަކަކީ އެންމެ ރަނގަޅު ތައުރީފުތައް ކަމަކަށް ހެދުނު ދިރާސާތަކުން ހާމަވިއެވެ. ފުން ދިރާސާއެއް ކުރެވިއްޖެނަމަ ނޫނު ސުކުނަށް ނިމިފައި ހުންނަ ލަފުޒުތައް މީމަށް ބަދަލުވާ އިތުރު ހަމަތަކެއް ހޯދުމަކީ އެކަށީގެންވެއެވެ.

 

ރިފަރެންސް ލިސްޓު

1-ހަސަން އަހުމަދު މަނިކު. (200). އަ ކޯސް އެޓިމޮލޮޖިކަލް ވޮކޭބުލަރީ

2-މުޙައްމަދު ޖަމީލު. (1970). ފިޔަވަޅު 1،2،3 މާލެ: ސާދާ ގެ.

3-އިބުރާހިމް ރުޝްދީ. (1359ހ.). ސުއްލަމުލް ޢަރީބު. 

4-ދިވެހިބަހާއި ތާރިޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ ގަވާއިގު 1،2،3،4. މާލެ: މުސައްނިފު.

5-ދިވެހިބަހާއި ތާރިޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1993). ބަހުގެ ހަމައިގެ އަތްމަތީ ފޮތް. މާލެ: މުސައްނިފު.



ކުރިޔަށް: ދިވެހި ބަހުގެ މައިގަނޑު ބައިތައް

ބަދަލުވާ އަކުރު Reviewed by ވާޖިދާ ހާރޫން on July 14, 2020 Rating: 5
ބަސްނަ © 2020
Powered By Blogger

އިތުރު މައުލޫމާތު ހޯދުމަށް

Name

Email *

Message *

Powered by Blogger.