އަކުރު
ތަޢާރާފު:
ކޮންމެ ބަހެއްގައިވެސް އެބަހަކަށް ހަމަޖެފައިވާ ޤަވާޢިދުތަކާ އުސޫލުތަކެއްވެއެވެ. މިގޮތުން މުވާޞަލާތު ކުރުމުގައި ފުރިހަމަ ގޮތުގައި އެބަހެއްގެ ޤަވާޢިދު ބޭނުންކުރުމަކީ މުހިންމުކަމެކެވެ. އެހެންކަމުން ބަހުގެ ޤަވާޢިދު ގިނަބަޔަކަށް އަންގައިދިނުމުގެ ގޮތުން، މީގެ އެތައްޒަމާނެއް ކުރީއްސުރެ އެކިބަސްބަހުންވަނީ ޤަވާޢިދު ފޮތްތައް ލިޔެވެންފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ ދުނިޔޭގައި، ބަހެއްގެ ޤަވާޢިދާއި ބެހޭގޮތުން ވާހަކަ ދެކެވިފައިވާކަމަށް ބެލެވެނީ ގާތްގަނޑަކަށް ހަތަރު ވަނަ ޤަރުނުގެ ތެރޭގައި ގުރީކުގެ ގްރެމަރުންނެވެ. އޭގެ ފަހުން މިއަދާއި ހަމަޔަށް އައިއިރު ތަފާތު ބަސްބަހުން އަދަދު ނުކުރެވޭހާ ގިނަ ޤަވާޢިދު ފޮތްތައް ވަނީ އެކުލަވާލެވިފައެވެ. މިގޮތުން އެންމެ ފުރަތަމަ ދިވެހިބަހުގެ ޤަވާޢިދު ފޮތެއް އެކުލަވާލެވިފައި ވަނީ ވިހިވަނަ ޤަރުނުގެ ތެރޭގައެވެ. އެއީ ޅެންބަހުރުވައިން ނައިބު ތުއްތު އެކުލަވާލި 'ތަޤުވީމުއްލިސާނީ' މިފޮތެވެ. އެއަށްފަހު މިއަދާއި ހަމައަށް އައިއިރު ތަފާތު ނަންނަމުގައި ދިވެހިބަހުގެ ޤަވާޢިދުފޮތްތައް ނެރެވިފައިވެއެވެ. މިގޮތުން ތަފާތު ފޮތްތަކުގައި ދިވެހިބަހުގައި އަކުރު ބޭނުންކުރެވޭ ގޮތްތައް ބުނެދީފައިވެއެވެ. ނަމަވެސް، މިފޮތްތަކުގައި އަކުރު ބޭނުންކުރެވޭ އުސޫލުތައް ކަމަށް ބުނެދީފައިވާ ގޮތާއި ހިލާފަށް ބައެއް އަކުރުތައް ބޭނުން ކުރެވެމުން ދާކަމަށް ބައެއް ބަސްވާރުން ދެކެލައްވައެވެ. މިގޮތުން، "އިން، އަށް، އާ، އެއް، އީ" މިއަކުރުތައް ދިވެހިބަހުގައި އަދާކުރާ ދައުރާއި އަދި މިއަކުރުތައް ބެހިފައިވާގޮތާއިމެދު ސުވާލު އުފެދެއެވެ. އެހެންކަމުން، މި ދިރާސާގައި ބަލާލައިފައިވާނީ "އިން، އަށް، އާ، އެއް، އީ" މިއަކުރުތައް ދިވެހިބަހުގައި އަދާކުރާ ދައުރަކީކޮބައިކަމާއި، މިއަކުރުތައް ބައިކުރެވިފައިވާ ބައިތަކަކީ ކޮބައިކަމާއި އަދި ދިވެހިބަހުން ލިޔެފައިވާ ބައެއް ޕެރެގުރާފުތަކުގައި މިއަކުރުތައް އަދާކުރަނީ ކޮންކަހަލަ ދައުރުތަކެއް ކަމާއި އަދި އެޕެރެގުރާފުތަކުގައި މިއިން އަކުރެއް ދިވެހިބަހުގެ ޤަވާޢިދު ފޮތްތަކުގައި ބުނެދީފައިވާ ގޮތާއި ހިލާފަށް ބުނެދީފައި ވޭތޯ ނުވަތަ ނޫންތޯއެވެ.
ތާވަލު: 1
އަކުރު |
ފޮތް |
ފޮތްތަކުގައި ބަޔާންކޮށްފައިވާ ދައުރު |
އިން |
ދިވެހިބަހުގެ ބަސްމަގު |
·
ގިނަކުރުމަށް |
ފިޔަވަޅު 3،2،1 |
·
ގިނަވުން. މިސާލު: ކާތިބާއިން، ކާތިބުން.
·
ކަންހިނގުމަށް ފެށޭތަން ބަޔާންކުރުން. މިސާލު: މަދަރުސާއިން
ނުކުމެއްޖެ. ބާޒާރުން އަތުވެއްޖެ.
·
އެހީ ލިބިގަތުމުގެ މާނަ ދޭހަކުރުން. މިސާލު: ފުރޮއިން ކޮށައިފި.
ގަލަމުން ލިޔެފި.
·
ތަނެއް، ނުވަތަ އެއްޗެއްގެ ތެރެއިން ކަންވުމުގެ މާނަ ދޭހަކުރުން.
މިސާލު: ތަވައިން ބަތްއަޅައިފި. ވަޅުން ފެންނަގައިފި. |
|
ދިވެހިބަހުގެ ޤަވާޢިދު 4،3،2،1 |
·
ގިނަވުމުގެ މާނައިގައި އާދަމުގެ ދަރިންނަށް ރައްދުކުރެވޭ
ނަންނަމުގެ ފަހަތަށް ބޭނުންކުރެވޭ. މިސާލު: މައިންބަފައިން.
ޠާލިބާއިން.
·
ކަން ހިނގުމަށް ފެށޭތަން ބަޔާންކުރުމަށް ބޭނުންކުރެވޭ. މިސާލު:
ގެއިންނުކުމެއްޖެ. ސުކޫލުން އަތުވެއްޖެ.
·
އެހީލިބުމުގެ މާނަދޭހަކުރުމަށް ބޭނުންކުރެވޭ. މިސާލު: ފިޔޮހިން
ކޮށައިފި.
·
ތަނެއް ނުވަތަ އެއްޗެއްގެ ތެރެއިން ކަންވުމުގެ މާނަދޭހަކުރުމަށް
ބޭނުންކުރެވޭ. މިސާލު: ތެލިން ރިހައަޅައިފި. |
ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004)،
މުހައްމަދު ޖަމީލު (1969)، އަދި ޙުސައިން ރަޝީދު
އަޙުމަދު (1999).
ތާވަލު 1 އަށް ބަލާއިރު 'އިން' މިއަކުރު ދިވެހިބަހުގައި ތަފާތު ހަތަރު
ދައުރެއް އަދާކުރެއެވެ. އެގޮތުން ގިނަވުމުގެ މާނައިގައި އާދަމުގެ ދަރިންނަށް
ރައްދުކުރެވޭ ނަންނަމުގެ ފަހަތަށް މި އަކުރު ބޭނުންކުރެވެއެވެ. މިގޮތުން
ބަލާއިރު ތާވަލުގައި ބަޔާންކުރެވިފައިވާ ތިންފޮތުގައިވެސް މިއަކުރު އެ މާނައިގައި ބޭނުންކުރާކަން ހާމަވެގެންދެއެވެ.
އޭގެ މިސާލުގެ ގޮތުގައި ކާތިބުން، ކާތިބާއިން، މައިންބަފައިން އަދި
ޠާލިބާއިން ފަދަ ނަންތައް ހިމެނެއެވެ. މީގެއިތުރުން ތާވަލު 1 އަށް ބަލާއިރު
މި އަކުރު ކަންހިނގުމަށް ފެށޭތަންބަޔާންކުރުމަށް ބޭނުންކުރެވޭކަން
ހާމަވެއެވެ. މިގޮތުން ފިޔަވަޅު އަދި ދިވެހިބަހުގެ ޤަވާޢިދު، މި ދެފޮތުގައި
ގެނެސްދީފައިވާ މިސާލުތަކުގެ ތެރޭގައި ގެއިން ނުކުމެއްޖެ، ސުކޫލުން
އަތުވެއްޖެ އަދި ބާޒާރުން އަތުވެއްޖެ މިފަދަ ޖުމުލަތައް ހިމެނެއެވެ.
ހަމައެހެންމެ އެހީލިބިގަތުމުގެ މާނައިގައި 'އިން' މިއަކުރުބޭނުންކުރެވޭކަން
ތާވަލު 1 އިން ހާމަކޮށްދެއެވެ. މީގެ މިސާލަކީ ފިޔޮހިން ކޮށައިފި، ފުރޮއިން
ކޮށައިފި އަދި ގަލަމުން ލިޔެފި މިއެވެ. މީގެއިތުރުން ތަނެއް ނުވަތަ
އެއްޗެއްގެ ތެރެއިންކަންވުމުގެ މާނަދޭހަކުރުމަށް މިއަކުރު ބޭނުންކުރެވޭކަމަށް
ފިޔަވަޅު އަދި ދިވެހިބަހުގެ ޤަވާޢިދު މި ދެފޮތުގައި ބަޔާކޮށްފައިވާކަން
ތާވަލު 1 އިން ހާމަވެއެވެ. މިގޮތުން އިން ބޭނުންކުރެވޭގޮތުގެ މިސާލުތަކަކީ
ތަވައިން ބަތްއަޅައިފި، ވަޅުން ފެންނަގައިފި، ތެލިން ރިހަ އަޅައިފި
މިއެވެ.
ތާވަލު
2
އަކުރު |
ފޮތް |
ފޮތްތަކުގައި ބަޔާންކޮށްފައިވާ ދައުރު |
އަށް |
ދިވެހިބަހުގެ ބަސްމަގު |
·
ނިމުމަށް ބެނުންކުރެވޭ އަދި އެއްޗެއްގެ އެތެރެ ހާމަކުރުމަށް
ބޭނުންކުރެވޭ. |
ފިޔަވަޅު 3،2،1 |
·
ކަންހިނގައި ނިމޭތަން ބަޔާންކުރުން. މިސާލު: ހުޅުލެއަށް
ދާނަމެވެ.
·
މިލްކުވުމުގެ މާނަދޭހަކުރުން. މިސާލު: މުހައްމަދުއަށް
ސާބަހާއި ޠައުރީފެވެ.
·
ސަބަބު ބަޔާންކުރުން. މިސާލު: ނަމާދަށް ހިނގައްޖެ. |
|
ދިވެހިބަހުގެ ޤަވާޢިދު 4،3،2،1 |
·
ކަން ހިނގައި ނިމޭތަން ބަޔާންކުރުމަށް. މިސާލު: ހުޅުލެއަށް
ދާނަމެވެ.
·
މިލްކުވުމުގެ މާނައިގައި. މިސާލު: އޭނާއަށް ޝުކުރާއި
ތައުރީފު ހައްގުވެގެން ވެއެވެ.
·
ސަބަބު ބަޔާންކުރުމުގައި. މިސާލު: ޙައްޖަށް ހިނގައްޖެ. |
|
ބަހުގެހަމައިގެ އަތްމަތީފޮތް |
·
ކަންހިނގައި ނިމޭތަން ބަޔާންކުރުމަށް. މިސާލު: ހުޅުލެއަށް
ދާނަމެވެ. އޭނާމިހާރު ގެއަށް ހިނގައްޖެ.
·
މިލްކުވުމުގެ މާނައިގައި. މިސާލު: އޭނާއަށް ޝުކުރާއި
ޠައުރީފު ހައްގުވެގެންވެއެވެ.
·
ސަބަބު ބަޔާންކުރުމުގައި. މިސާލު: ޙައްޖަށް
ހިނގައްޖެ. |
ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004)، މުހައްމަދު ޖަމީލު (1969)، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1993) އަދި ޙުސައިން
ރަޝީދު އަޙުމަދު (1999).
ތާވަލު 2 ގައި
ބަޔާންކުރެވިފައިވާ ފަދައިން 'އަށް' މިއަކުރު ދިވެހިބަހުގައި މައިގަނޑު ތިން
ދައުރެއް އަދާކުރެއެވެ. އެގޮތުން ކަންހިގައި ނިމޭތަން ބަޔާންކުރުމަށާއި،
މިލްކުވުމުގެ މާނައިގައި އަދި ސަބަބު ބަޔާންކުރުމުގެ މާނައިގައި މިއަކުރު
ބޭނުންކުރެވޭކަމަށް ފިޔަވަޅު، ދިވެހިބަހުގެ ޤަވާޢިދު އަދި ބަހުގެ ހަމައިގެ
އަތްމަތީފޮތް، މި ތިންފޮތުގައި ބަޔާންކޮށްފައިވާކަން ތާވަލު 2 ން ހާމަވެއެވެ.
މީގެއިތުރުން ދިވެހިބަހުގެ ބަސްމަގުގައި ވާގޮތުން ދިވެހިބަހުގައި މިއަކުރު
މައިގަނޑު ދެ ދައުރެއް އަދާކުރެއެވެ. އެގޮތުން ތާވަލު 2 ގައިވާފަދައިން
ނިމުމަށާއި އެއްޗެއްގެ އެތެރެ ހާމަކުރުމަށް މިއަކުރު އެހީތެރިވެދެއެވެ.
ތާވަލު 3
އަކުރު |
ފޮތް |
ފޮތްތަކުގައި ބަޔާންކޮށްފައިވާ ދައުރު |
އެއް |
ފިޔަވަޅު 3،2،1 |
·
ޢާއްމުކުރުމުގެ މާނަ ދޭހަކުރުމަށްޓަކައި ގެނެވޭ. މިސާލު:
އެހީތެރިއެއް.
·
ބަސްގަދަ ކުރުމާއި ނަފީކުރުމުގައިވެސް ގެނެވެއެވެ. މިސާލު:
ކީސާއަކު ފައިސާއެއް ނެތެވެ. |
ދިވެހިބަހުގެ ޤަވާޢިދު 4،3،2،1 |
·
އާއްމުކުރުމުގެ މާނައިގައި ގެނެވޭ. މިސާލު: ވިޔަފާރިއެއް.
·
ބަސްގަދަކުރުމުގެ މާނައިގައި ގެނެވޭ.
·
ނަފީކުރުމަށް. މިސާލު: ދަބަހަކު ފައިސާއެއް ނެތް. |
|
ބަހުގެހަމައިގެ އަތްމަތީފޮތް |
·
ނަން އާއްމުކުރުމަށް. މިސާލު: މުދައްރިސެއް.
·
ބުނާބަސް ގަދަކުރުމަށް. މިސާލު: އެއީ ފިސާރިމީހެއް.
·
ނަފީކުރުމަށް. މިސާލު: އާރިފެއް ނޫން. |
ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004)،
މުހައްމަދު ޖަމީލު (1969) އަދި
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1993)
ތާވަލު 3
ގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިބަހުގައި "އެއް" މި އަކުރު މައިގަނޑު
ތިން ދައުރެއް އަދާކުރެއެވެ. އެއީ ނަންއާއްމުކޮށްދިނުމާއި،
ބަސްގަދަކޮށްދިނުމާއި އަދި ނަފީކުރުމެވެ.
ތާވަލު 4
އަކުރު |
ފޮތް |
ފޮތްތަކުގައި ބަޔާންކޮށްފައިވާ ދައުރު |
އާ |
ފިޔަވަޅު 3،2،1 |
·
ނަން ޚާއްޞަ ކުރުމުގެ މާނަ ދޭހަކުރުމަށްޓަކައި މިއަކުރު ގެނެވޭ.
މިސާލު: ނަބީއާ، ރަސޫލާ. |
ދިވެހިބަހުގެ ޤަވާޢިދު 4،3،2،1 |
·
ނަން ޙާއްސަކުރުމުގެ މާނަދޭހަކުރުމަށް. މިސާލު:
މުއުމިނާ(މުއުމިނެއް). |
|
ބަހުގެހަމައިގެ އަތްމަތީފޮތް |
·
މީސްމީހުންގެ ނަން ޙާއްޞަކުރުމަށް. މިސާލު: ރަސޫލާ، އަންހެނާ.
·
އިބާރާތްކުރާއިރު ބަސްބަސް ގުޅުވުމަށް. މިސާލު: މިފޮތާމެދު. |
|
އީ |
ފިޔަވަޅު 3،2،1 |
·
ނަމުގެ ޖުމްލައިގެ ފެށުމުގެ ފަހަތަށް އިތުރުކުރެވޭ. މިސާލު:
މަދީނާއީ ޢަރަބި ކަރައިގެ ރަށެކެވެ. |
ދިވެހިބަހުގެ ޤަވާޢިދު 4،3،2،1 |
·
އިސްބައިކަމުގެ މާނައާއި އޭގެފަހަތަށް ޚަބަރެއް އަންނާނެ
ކަމުގެމާނަ ދޭހަކޮށް ދިނުމަށްޓަކައި، ނަމުގެ ޖުމުލައިގެ ފަހަތަށް
މިއަކުރުގެނެވޭ. މިސާލު: މައްކާއީ މުގައްދަސް ބިމެކެވެ.
|
|
ދިވެހިބަހުގެ ބަސްމަގު |
·
އިސްބަޔާއި ފަހުބައި ގުޅުވުމަށް. |
ސޯސް: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004)،
މުހައްމަދު ޖަމީލު (1969)، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1993) އަދި ޙުސައިން
ރަޝީދު އަޙުމަދު (1999).
ތާވަލު 3 ގައި ބަޔާކޮށްފައިވާ ގޮތުން "އާ" މިއަކުރު ދިވެހިބަހުގައި
އަދާކުރާކަމަށް ޤަވާޢިދު ފޮތްތަކުގައި ބަޔާންކޮށްފައި ވަނީ މައިގަނޑު ދެ
ދައުރެކެވެ. މިގޮތުން 'އާ' މިއަކުރު ބޭނުންކުރެވެނީ ނަން ނުވަތަ މީސްމީހުންގެ
ނަން ޙާއްސަކުރުމަށާއި އިބާރާތްކުރާއިރު ބަސްބަސް ގުޅުވުމަށްކަން ތަވަލު 3 ން
ހާމަވެއެވެ. އޭގެ މިސާލަކީ، ރަސޫލާ (ރަސޫލު +އާ)
،ނަބީއާ މިއެވެ. ހަމައެހެންމެ ތާވަލު 3 ން ހާމަވާގޮތުގައި "އީ" މިއަކުރު
ދިވެހިބަހުގައި އަދާކުރަނީ އެއްމެ ދައުރެކެވެ. އެއީ އިސްބައިކަމުގެ މާނައާއި
އޭގެފަހަތަށް ޚަބަރެއް އަންނާނެ ކަމުގެ މާނަ ދޭހަކޮށް ދިނުމެވެ. މިސާލަކީ: މައްކާއީ މުގައްދަސް ބިމެކެވެ.
ދިވެހިބަހިގައި ބޭނުންކުރެވޭ އަކުރުތައް އެ އަދާކުރާދައުރުގެ މައްޗަށްބަލައި
ތަފާތުބައިތަކަށް ބެހިފައިވެއެވެ. މިގޮތުން މި ދިރާސާގައި ބަލައިލެވޭ ފަސް
އަކުރުކަމަށްވާ "އިން، އަށް، އާ، އެއް، އީ" މި އަކުރުތައްވެސް ދިވެހިބަހުގެ
ތަފާތު ބައިތަކަށް ބެހިފައިވެއެވެ. އެގޮތުން ބަލާއިރު 'އިން' އަދި 'އަށް' މި
ދެއަކުރަކީ ގުޅުން ދޭހަކޮށްދިނުމަށް ބޭނުންކުރެވޭ އަކުރުތަކެކެވެ
(ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004)). ހަމައެހެންމެ
ދިވެބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ހާމަކުރާގޮތުގައި
'އެއް'، 'އާ' އަދި 'އީ' މި ތިން އަކުރަކީ ދިވެހިބަހުގައި ބޭނުންކުރެވޭ
ފުރިހަމަކޮށްދޭ އަކުރު ތަކުގެ ތެރޭގައި ހިމެނޭ އަކުރު ތަކެކެވެ. އެހެންކަމުން
'އިން، އަށް' މިއީ ގުޅުންދޭހަކޮށްދޭ އަކުރުތަކެކެވެ. އަދި 'އެއް، އާ، އީ'
މިއީ ފުރިހަމަކޮށްދޭ އަކުރު
ތަކެކެވެ.
ޕެރެގުރާފު 1
ތާވަލު 5
ލަފުޒު |
ލަފުޒު ބައިކުރެވިފައި ވާގޮތް |
"އިން" އަދާކުރާދައުރު |
މައިބަފައިންނާއި |
މައި + ބަފައި + އިން + އާއި |
ގިނަވުމުގެ މާނަ ދޭހަކުރުން |
ބެލެނިވެރިން |
ބެލެނެވެރި + އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
ތިމާމެން |
ތިމާ + އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
ކުދީން |
ކުއްޖާ + އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
އެމީހުން |
އެ + މީހާ + އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
މީހުން |
މީހާ +އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
ތާވަލު 5 ގައި ގެނެސްދީފައި ވަނީ، ޕެރެގުރާފު 1 ގައި "އިން" މިއަކުރު
ގިނަވުމުގެ މާނައިގައި ގެނެސްދީފައިވާ ލަފުޒުތަކެވެ. ތާވަލު 1 ގައި
ބަޔާންކުރެވިފައިވާ ގޮތުގައި 'އިން' މިއަކުރު ގިނަކުރުމުގެ މާނައިގައި
އާދަމުގެ ދަރިންނަށް ރައްދުކުރެވޭ ނަންނަމުގައި ބޭނުންކުރެވެއެވެ. އެގޮތުން
ތާވަލު 5 ގައި ގެނެސްފައިވާ ލަފުޒު ތަކަށް ބަލާއިރު 'މީހުން' މިއީ "މީހާ +
އިން" އެވެ. މިލަފުޒުގައި ބޭނުންކޮށްފައިވާ 'އިން' ނުހިމަނައި ބަލާނަމަ "މީހާ" މިއީ އެންމެ މީހަކަށް ނިސްބަތްކޮށް ބޭނުންކުރެވޭ
ގޮތެވެ. ނަމަވެސް އެއަށް 'އިން' ގުޅާލުމުން ބޭނުންކުރެވޭ 'މީހުން' އަކީ
އެކަކަށްވުރެ ގިނަ ބަޔަކަށް ނިސްބަތްކޮށް ބޭނުންކުރެވޭ ގޮތެވެ.
އެހެންކަމުން މިތަނުގައި އިން
އަދާކޮށްދޭ ދައުރަކީ ގިނަކުރުމެވެ. އެގޮތުން ތާވަލު 5 ގައި ހިމަނާފައިވާ
ހުރިހާ ލަފުޒުތަކަކީވެސް މިއުސޫލުން ގިނަވުމުގެ މާނައަށް ބަދަލުކޮށްފައިވާ
ލަފުޒުތަކެކެވެ. ޕެރެގުރާފު 1 ގައި ގެނެސްފައިވާ 'އަމަލުން' (އަމަލު + އިން) މިލަފުޒުގައި
'އިން' އަދާކުރާ ދައުރު ތަފާތެވެ. އެގޮތުން 'އަމަލުން' މިލަފުޒުގައި 'އިން'
ބޭނުންކޮށްފައި ވަނީ އެހީލިބިގަތުމުގެ މާނައިގައެވެ. އެއީ އެ ޖުމުލައިގައި
ބަޔާންކޮށްފައިވާ ނުބައި ނުލަފާ ކުދިންނަށް ހެދުމުގައި، ބަހާއި އަމަލު
އެހީތެރިވާކަން އަންގައިދެނީ 'އިން' މިއަކުރުން ކަމުގައިވާތީއެވެ. ތާވަލު 1
ގައި ބަޔާންކުރާ ގޮތުން ކަމެއްކުރުމުގައި އެއްޗަކުން އެކަމަށް
އެހީލިބިގަތުމުގެ މާނަދޭހަކުރުމަށް "އިން" މިއަކުރު ބޭނުންކުރެވެއެވެ.
ޕެރެގުރާފު 1 ގައި "އިން" މިއަކުރު ބޭނުންކޮށްފައިވަނީ އެއްލަފުޒު އަނެއް
ލަފުޒާއި ގުޅުވައިދީ ޖުމުލައިން ފުރިހަމަ މާނައެއް ދޭހަ
ކޮށްދިނުމަށްޓަކައެވެ. ހަމައެހެންމެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ
ޤައުމީ މަރުކަޒު (2004) ގައި ބަޔާންކުރާ ގޮތުގައި "އިން" މިއީ ގުޅުން
ދޭހަކޮށްދޭ އަކުރެކެވެ. އެހެންކަމުން ޕެރެގުރާފު 1ގައި "އިން"
ބޭނުންކޮށްފައިވަނީ ދ.ތ.ޚ.ޤ.މ (2004)ގައި ބަޔާންކޮށްފައިވާ ގޮތާއި
އެއްގޮތަށްކަން ފާހަގަކުރެވެއެވެ.
ތާވަލު 6
ލަފުޒު |
ލަފުޒު ބައިކުރެވިފައި ވާގޮތް |
"އިން" އަދާކުރާދައުރު |
މިއީ |
މި + އީ |
އިސްބައިކަމުގެ މާނައާއި އޭގެ ފަހަތަށް ޚަބަރެއް އަންނާނެ ކަމުގެ މާނައިގައި |
އެއީ |
އެ + އީ |
އިސްބައިކަމުގެ މާނައާއި
އޭގެ ފަހަތަށް
ޚަބަރެއް އަންނާނެ ކަމުގެ މާނައިގައި
|
ބޮޑީ |
ބޮޑު + އީ |
ފުރިހަމަކޮށްދިނުން |
ޕެރެގުރާފު 1 ގައި "އީ" މިއަކުރު މައިގަނޑު ތިން ލަފުޒެއްގައި
ބޭނުންކޮށްފައި ވެއެވެ. މިގޮތުން ތާވަލު 6 ގައި ގެނެވިފައިވާ "މިއީ އަދި
އެއީ" މި ދެ ލަފުޒުގައި "އީ" އަދާކުރާ ދައުރަކީ އިސްބައިކަމުގެ މާނައާއި އަދި
އޭގެފަހަތަށް ޚަބަރެއް އަންނާނެ ކަމުގެ މާނަދޭހަކޮށްދިނުމެވެ. ސަބަބަކީ
އެލަފުޒު ތަކުގައި ބޭނުންކުރެވިފައިވާ "މި އަދި އެ" މިއީ ޖުމުލަތަކުގެ
އިސްބައިކަމުގައި ވެފައި، އިޝާރާތުގެ މިނަންތަކާއި ގުޅިގެން "އީ" ގެނެވިފައިވަނީ އޭގެ ފަހަތަށް ޚަބަރެއް ގެނެވޭނެކަން
އަންގައިދިނުމަށްޓަކައި ކަމުގައިވާތީއެވެ. ދ.ތ.ޚ.ޤ.މ. (2004)
ބަޔާންކޮށްފައިވާ ގޮތުގައި، އިސްބައިކަމުގެ މާނައާއި އޭގެ ފަހަތަށް ޚަބަރެއް
އަންނާނެ ކަމުގެ މާނަދޭހަކޮށް ދިނުމަކީ "އީ" މިއަކުރުގެ މައިގަނޑު އެއް
ދައުރެވެ. މިގޮތަށް ބަލާއިރު "އީ" މިއަކުރު އެލަފުޒުތަކުގައި އަދާކުރާ
ދައުރަކީ އިސްބައިކަމުގެ މާނައާއި އޭގެ ފަހަތަށް ޚަބަރެއް އަންނާނެ ކަމުގެ
މާނަ ދޭހަކޮށްދިނުންކަމުގައި ބެލެވެއެވެ. މިދެ ލަފުޒުގައިވެސް "އީ" ބޭނުން
ކިރެވިފައިވަނީ ޖުމުލައިގެ އިސްބަޔާއި އޭގެ ޚަބަރާއި ދެމެދުގައިވާ ގުޅުން
ފުރިހަމަ ކޮށްދިނުމަށްޓަކައެވެ. މީގެއިތުރުން ތާވަލު 6 ގައި ގެނެސްފައިވާ "ބޮޑީ" (ބޮޑު+އީ) މިލަފުޒުގައި
"އީ" މި އަކުރު ބޭނުންކޮށްފައިވަނީ ޖުމުލަ ފުރިހަމަ ކުރުމަށެވެ. އެއީ
އެޖުމުލައިގައި "ބޮޑީއެވެ" މިލަފުޒުގެ ބަދަލުގައި "ބޮޑެވެ" މިހެން ބުނުމުން
ދޭހަވާ މާނައަށްވުރެ، "ބޮޑީއެވެ" މިހެން ބުނުމުންދޭހަވާ މާނަ އިތުރަށް
ފުރިހަމަ ވާތީއެވެ. އެހެންކަމުން މިލަފުޒުގައި "އީ" މިއަކުރުއަދާކުރާ
ދައުރަކީ ފުރިހަމަކޮށްދިނުމެވެ. ނަމަވެސް އެއްވެސް ޤަވާޢިދު ފޮތެއްގައި "އީ"
މިގޮތަށް ބޭނުން ކުރެވޭކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. ހަމައެހެންމެ
މިލުފުޒުގައި "އީ" ބޭނުންކުރެވިފައިވަނީ ޖުމުލައިގެ މާނަ
ފުރިހަމަކޮށްދިނުމަށް ކަމުގައިވާތީވެ، މިލަފުޒު ގައި "އީ" ބެހޭބަޔަކީވެސް
ފުރިހަމަކޮށްދިނުން ކަމަށް ފާހަނގަ ކުރެވެއެވެ.
ޕެރެގުރާފު 1 ގައި "އެއް" މި އަކުރު ދެ ލަފުޒެއްގައި ބޭނުންކޮށްފައި ވެއެވެ.
އަދި މި ދެ ލަފުޒުގައި މިއަކުރު އަދާކުރަނީ ތަފާތު ދެ ދައުރެއްކަން ފާހަގަ
ކުރެވެއެވެ. މިގޮތުން 'ޝައްކެއްނެތެވެ' (ޝައްކު + އެއް) މިލަފުޒުގައި "އެއް"
އަދާކޮށްދޭ ދައުރަކީ ބަސް ގަދަކޮށްދިނުން ކަމުގައި ބެލެވެއެވެ. އެއީ
'ޝައްކެއްނެތެވެ' ވަކި ޖުމުލައެއްގެ ގޮތުގައި ގެނެސްފައިވާ އިރު، މި
ޖުމުލައިން އެއާ ޖެހިގެން އޮތް ޖުމުލައަށް ބާރުލިބިދެއެވެ. އަދި އެކަން
އެހެންވުމަށް ބާރުއަޅާ އެއްޗަކީ 'އެއް' ކަމުގައި ވުމުން މިތާނގައި އެއް
ބޭނުންކުރެވިފައިވަނީ ތާވަލު 3 ގައި ބަޔާންކޮށްފައި ގޮތަށް ބަސްގަދަކުރުމަށް
ކަމަށް ބެލެވެއެވެ. "އެއް"
މިއީ ފުރިހަމަކޮށްދޭ އަކުރެއްކަމުގައި ދ.ތ.ޚ.ޤ.މ. (2004) ގައި
ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ މި ލަފުޒުގައިވެސް "އެއް" މިއަކުރު
ބޭނުންކުރެވިފައިވަނީ ހާލަތާއި ގުޅިގެން ލަފުޒުން ދޭހަކުރަން ބޭނުންވާ މާނަ
ފުރިހަމަކޮށް ދިނުމަށްޓަކައެވެ.
ޕެރެގުރާފު 2 ގައި ބޭނުންކޮށްފައިވާ "ކުރާކަމެއް" (ކުރާކަން + އެއް) މިލަފުޒުގައި "އެއް" އަދާކޮށްދޭ ދައުރަކީ ނަފީކުރުމެވެ. އެއީ
އެޖުމުލައިގައި 'ކުރާކަމެއް + ނޫނެވެ' މިގޮތަށް އެއްގެ ފަހަތަށް ނަފީގެ ނޫނު
ގެނެސްފައިވާތީއެވެ. ނަފީގެ "ނ"ގެ އެހީލިބިގެން "އެއް" އަދާކުރާދައުރަކީ
ނަފީކުރުމެވެ. ދ.ތ.ޚ.ޤ.މ. (1993) ގައި ބަޔާންކޮށްފައި ވާގޮތުގައި
ނަފީކޮށްދިނުމަކީ އެއް
އަދާކޮށްދޭ ދައުރު ތަކުގެ ތެރެއިން އެއް ދައުރެވެ. އެހެންކަމުން މިލަފުޒުގައި
"އެއް" އަދާކުރާ ދައުރަކީ ނަފީކުރުމްކަމުގައި ބެލެވެއެވެ. ހަމައެހެންމެ
މިލަފުޒުގައި "އެއް" ބޭނުންކޮށްފައިވަނީ ލަފުޒުގެ މާނަފުރިހަމަ
ކޮށްދިނުމަށްޓަކައެވެ. ދ.ތ.ޚ.ޤ.މ. (2004) ގައި ބަޔާންކުރާ ގޮތރުގައި "އެއް" މިއީ ފުރިހަމަ ކޮށްދޭ އަކުރެކެވެ.
ޕެރެގުރާފު 1 ގައި "އަށް" މިއަކުރު ދެ ލަފުޒެއްގައި ބޭނުން
ކުރެވިފައިވެއެވެ. އެއީ "ކުދިންނަށް އަދި ތެދުމަގަށް" މިލަފުޒު ތަކުގައެވެ.
ދިވެހިބަހުގެ ޤަވާޢިދު ފޮތްތަކުގައި ބާޔާންކުރާ ގޮތުގައި "އަށް" މިއަކުރު
މައިގަނޑު ތިން ދައުރެއް އަދާކުރެއެވެ. އެގޮތުން މުހައްމަދު ޖަމީލު (1969)
ހާމަކުރާގޮތުގައި ކަން ހިނގައިނިމޭތަން ބަޔާންކުރުމާއި، މިލްކު ކޮށްދިނުން
އަދި ސަބަބު ބަޔާންކުރުމަކީ "އަށް" މި އަކުރު އަދާކުރާ މައިގަނޑު ތިންދައުރެވެ. ނަމަވެސް ޕެރެގުރާފު 1 ގައި ގެނެސްފައިވާ
"ކުދިންނަށް" (ކުދިން + އަށް) މިލަފުޒުގައި ގެނެވިފައިވާ "އަށް" މިއަކުރު
ބަޔާންވެ ދިޔަ އެއްވެސް ދައުރަކަށް ނުފެތޭކަން ފާހަގަ ކުރެވެއެވެ.
ހަމައެހެންމެ މިތަނުގައި އެއަކުރު އަދާކރާ ދައުރަކީ ރައްދުވާ ފަރާތް އަންގައިދިނުން ކަމަށް ބެލެވެއެވެ. ސަބަބަކީ އެޖުމުލައިގައި ބަޔާންކުރާ،
މައިންބަފައިންނާއި ބެލެނެވެރިންގެ ބަހާއި އަމަލުން އުފެދިގެން އަންނަކަން
(ކުދިންގެ އަޚުލާގު ނުބައިވުން) ރައްދުވާ ފަރާތަކީ ކުދިންކަން އަންގައިދެނީ،
"ކުދިން" މިލަފުޒާއި ގުޅިގެން ގެނެސްފައިވާ "އަށް" މިއަކުރުގެ އެހީގައި
ކަމަށް ވާތީއެވެ. ހަމައެހެންމެ މި ލަފުޒުގައި "އަށް" ބޭނުންކުރެވިފައިވަނީ،
ޖުމުލައިގައި ބަޔާންކުރާ
ކަންކަމާއި ކުދިންނާއި ދެމެދުގައިވާ ގުޅުން ދޭހަކޮށްދިނުމަށް ކަމުގައިވާތީވެ،
މިލަފުޒުގައި "އަށް ބޭނުންކުރެވިފައިވަނީ ގުޅުން ދޭހަކޮށްދޭ އަކުރެއްގެ
ގޮތުގައިކަމަށް ބެލެވެއެވެ.
ޕެރެގުރާފު 1 ގައި
"އަށް" ގެނެސްފައިވާ ދެވަނަ ލަފުޒަކީ "ތެދުމަގަށް" (ތެދުމަގު + އަށް) މިއެވެ.
މިލަފުޒުގައި "އަށް" މިއަކުރު ބޭނުންކުރެވިފައިވަނީ އެބައިމީހުންގެ
ޖާހިލުކަމުން ތެދުމަގަށް އެޅިފައިވާ އަދިރިކަމާއި ދެމެދުގައިވާ ގުޅުން
ބަޔާންކޮށްދިނުމަށްޓަކައެވެ. ހަމައެހެންމެ މިތަނުގައި "އަށް" އަދާކުރާ
ދައުރަކީ ސަބަބު ބަޔާންކޮށްދިނުމެވެ. ތާވަލު 2 ކުން ހާމަވާގޮތުގައި "އަށް"
ސަބަބު ބަޔާންކުރުމުގެ ދައުރު އަދާކުރެއެވެ. އެއީ ތެދުމަގަށް އަދިރިކަން
ވެފައިވާކަން ހާމަކޮށްދެނީ "އަށް" މިއަކުރުން ކަމުގައިވާތީއެވެ.
ޕެރެގުރާފު 2
ތާވަލު 7
ލަފުޒު |
ލަފުޒު ބައިކުރެވިފައި ވާގޮތް |
"އިން" އަދާކުރާދައުރު |
ސްޓޮޕުއިން |
ސްޓޮޕް + އިން |
ކަންހިނގުމަށް ފެށޭތަން ބަޔާންކުރުން |
ޔޫރަޕްމީހުން |
ޔޫރަޕު + މީހާ + އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
ކަޅުމީހުން |
ކަޅު + މީހާ + އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
އޭޝިޔާމީހުން |
އޭޝިޔާ + މީހާ + އިން |
ގިނަވުމުގެ މާނަ ދޭހަކުރުން |
ތާވަލު 6 ގައި ގެނެސްފައިވާ "ސްޓޮޕުން" (ސްޓޮޕް + އިން) މިއަކުރު ޕެރެގުރާފު
2 ގައި އަދާކުރާ ދައުރަކީ ކަންހިނގުމަށް ފެށޭތަން ބަޔާންކޮށްދިނުމެވެ.
މިޖުމުލައިގައި ހިނގާފައިވާ ކަމަކީ ވާހަކަދައްކާ ފަރާތް ނުވަތަ
ލިޔުންތެރިޔާއާއި އެއަންހެން ކުއްޖާ ދިމާވުމެވެ. މިކަން ފެށޭ ތަނެއްގެ
ގޮތުގައި ލިޔުމުގައި ބަޔާންކޮށްފައިވަނީ ބަސް ސްޓޮޕެވެ. ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ގައި ބަޔާންކޮށްފައިވާ
ގޮތުގައި "އިން" މިއަކުރު، ކަންހިނގުމަށް ފެށޭތަން ބަޔާންކުރުމުގައި
ބޭނުންކުރެވެއެވެ. ހަމައެހެންމެ ޕެރެގުރާފު 2 ގައި ހިނގި ކަމަކީ ލިޔުންތެރިޔާ
އާއި އަންހެންކުއްޖާ ދިމާވުން ކަމުގައިވެފައި، އެކަންފެށުނު ތަނަކީ ބަސް
ސްޓޮޕު ކަމުގައިވުމުން، މި ލަފުޒުގައި "އިން" ބޭނުންކޮށްފައިވަނީ
ކަންހިނގުމަށް ފެށޭތަން ބަޔާންކުރުމަށް ކަމަށް ގަބޫލުކުރެވެއެވެ.
މިލަފުޒުގައި "އިން" ބޭނުންކޮށްފައިވަނީ ކަމާއި ކަންހިނގި ތަނާއި
ދެމެދުގައިވާ ގުޅުން ދޭހަކޮށް ދިނުމަށްޓަކައެވެ. އެހެންކަމުން މިޖުމުލައިގައި
"އިން" ބޭނުންކޮށްފައިވަނީ ގުޅުން ދޭހަކޮށް ދިނުމަށްޓަކައެވެ.
ތާވަލު 6 ގައި ގެނެސްފައިވާ "ޔޫރަޕްމީހުން، ކަޅުމީހުން އަދި އޭޝިޔާމީހުން"
މިތިން ލަފުޒުގައިވެސް "އިން" ބޭނުންކުރެވުފައިވަނީ "މީހާ" މިލަފުޒު
ގިނަވުމުގެ މާނައަށް ބަދަލުކުރުމަށްޓަކައެވެ. ހަމައެހެންމެ މިލަފުޒުތަކުގައި
ބޭނުންކޮށްފައިވާ "ޔޫރަޕު، ކަޅު އަދި އޭޝިޔާ" މިއީ "މީހުން" (މީހާ + އިން)
މިލަފުޒަށް އިތުރު ސިފަގެނައުމުގެ ގޮތުން ގެނެސްފައިވާ ލަފުޒުތަކެކެވެ.
ތާވަލު 1 ގައި
ބަޔާންކޮށްފައިވާ ގޮތުގައި "އިން" މިއަކުރު ގިނަވުމުގެ މާނައިގައި އާދަމުގެ
ދަރިންނަށް ރައްދުކުރެވޭ ނަންނަމުގެ ފަހަތަށް ގެނެވެއެވެ. މިގޮތުން ބަލާއިރު
މި ޕެރެގުރާފުގައި "އިން" ބޭނުންކޮށްފައިވަނީ މީހާ މިނަން ގިނަވުމުގެ
މާނައަށް ބަދަލުކޮށް ލުމަށްޓަކައެވެ. މިލަފުޒުތަކުގައި "އިން" މިއަކުރު
ބޭނުންކޮށްފައިވަނީ، މީހުނާއި ގުޅިގެން ގެނެސްފައިވާ ސިފަތަކާއި އެމީހުނާއި
ދެމެދުގައިވާ ގުޅުން ދޭހަކޮށްދިނުމަށްޓަކައެވެ. އެހެންކަމުން މިލަފުޒު
ތަކުގައި "އިން" ބެހޭ ބަޔަކީ ދ.ތ.ޚ.ޤ.މ. (2004)ގައި ބަޔާންކޮށްފައިވާ
ފަދައިން ގުޅުންދޭހަކޮށްދޭ އަކުރެއްގެ ގޮތުގައިކަމަށް ބެލެވެއެވެ.
ޕެރެގުރާފު 2ގައި
ގެނެސްފައިވާ "ކަޅުއިސްތަށިގަނޑެއްގެ" (ކަޅު+އިސްތަށިގަނޑު+އެއް+ގެ)
މިލަފުޒުގައި "އެއް" މިއަކުރު އަދާކުރާ ދައުރަކީ އިސްތަށި ގަނޑު މިނަން
އާއްމުކޮށްދިނުމެވެ. މުހައްމަދު ޖަމީލު (1969) ބަޔާންކުރާގޮތުގައި ނަން
އާއްމުކުރުމުގައި "އެއް" މިއަކުރު ބޭނުންކުރެވެއެވެ. އިސްތަށިގަނޑު –
އިސްތަށިގަނޑެއް މިއުސޫލުން ނަން އާއްމުކުރެވޭކަމަށް ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ގައި ބަޔާންކޮށްފައި ވެއެވެ. އެހެން
ކަމުން މިތަނުގައި "އެއް" އަދާކޮށްދޭ ދައުރަކީ ނަން އާއްމުކޮށްދިނުން ކަމަށް
ބެލެވެއެވެ. "އެއް" މިއީ ފުރިހަމަކޮށްދޭ އަކުރެއްގެ ގޮތުގައި ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ގައި ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ ޕެރެގުރާފު 2 ގައި ވެސް "އެއް" ބޭނުންކޮށްފައިވަނީ ޖުމުލަ ފުރިހަމަކޮށްދިނުމުގެ ގޮތުންކަން
ފާހަގަކުރެވެއެވެ. އެއީ މިޖުމުލައިގައި "ކަޅުއިސްތަށިގަނޑުގެ ވެރި..." މިހެން
ބުނުމަށްވުރެ "ކަޅުއިސްތަށިގަނޑެއްގެ ވެރި..." މިހެންބުނުމުން، އެޖުމުލައިގެ
މާނައަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭތީއެވެ.
ޕެރެގުރާފު 2 ގައި ބޭނުންކުރެވިފައިވާ "އަންހެންކުއްޖާއާ"
(އަންހެން+ކުއްޖާ+އާ) މިލަފުޒުގައި "އާ" މިއަކުރު އަދާކޮށްދޭ ދައުރަކީ
"އަންހެންކުއްޖާ" މިނަން ޚާއްސަކޮށްދިނުމެވެ. ތާވަލު 4 ގައިބަޔާންކުރެވިފިވާ
ގޮތަށް ބަލާއިރު "އާ" މިއަކުރު ދިވެހިބަހުގައި އަދާކޮށްދޭ ދައުރަކީ ނަން
ޚާއްސަކުރުމުގެ މާނަ ދޭހަކޮށްދިނުމެވެ. މިތަނުގައި ނަން ޚާއްސަކުރުން
ބޭނުންކޮށްފައި މިވަނީ ޚާއްސަނަމުގެ މާނައިގައިކަމަކަށް ގަބޫލެއް
ނުކުރެވެއެވެ. ސަބަބަކީ ދ.ތ.ޚ.ޤ.މ. (1993) ގައި ބަޔާންކޮށްފައިވާ މިސާލަކީ
"އަންހެނާ" (އަންހެން + އާ) މިނަމަށްވާއިރު، މި ނަމުގެ ފަތަތަށް "އާ"
މިއަކުރު ގެނަނަމަވެސް ޚާއްސަނަމުގެ އުސޫލަށް ބަލާއިރު އެނަން
ޚާއްސަނުވާތީއެވެ. ހަމައެހެންމެ ޖުމުލައެއްގައި "އަންހެނާ" މިހެންގެނައުމުން
އެހާލަތުގައި އެ އަންހެނާ ޚާއްސަވާތީއެވެ. އެހެންކަމުން އަންހެންކުއްޖާއާ
(އަންހެންކުއްޖާ + އާ) މިލަފުޒުގައި "އާ" ބޭނުންކޮށްފައިވަނީ، ޖުމުލައިގެ
މާނައާއި ހާލަތަށްބަލައި އަންހެންކުއްޖާ ޚާއްސަކުރުމަށްޓަކައެވެ.
އެހެންކަމުން މިލަފުޒުގައި "އާ" އަދާކުރާ ދައުރަކީ ނަން ޚާއްސަކުރުން ކަމަށް
ގަބޫލުކުރެވެއެވެ. "އާ" މިއަކުތަކީ ފުރިހަމަކޮށްދޭ އަކުރެއްގެ ގޮތުގައި
ދ.ތ.ޚ.ޤ.މ. (2004) ގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ މިޖުމުލައިގައި
"އާ" މިއަކުރު ބޭނުންކުރެވިފައިވަނީ ޖުމުލަ ފުރިހަމަކުރުމަށް ކަމަށްވާތީވެ
"އާ" މިއީ ފުރިހަމަކޮށްދޭ އަކުރެއްކަމަށް ބެލެވެއެވެ.
ޕެރެގުރާފު 2 ގައި ގެނެސްފައިވާ "ބެލުމަށް" (ބެލުން + އަށް) މިލަފުޒުގައި
"އަށް" ބޭނުންކޮށްފައިވަނީ، ބެލުން މިކަން ނިމޭހިސާބު ބަޔާން
ކޮށްދިނުމަށްޓަކައެވެ. ޢަބްދުﷲ ޞާދިގު (2012) ވިދާޅުވާގޮތުގައި "އަށް"
މިއަކުރު ކަމެއްގެ ވަގުތު ބަޔާންކުރުމަށް ގެނެސްދެނީ އެކަމެއް ހިނގައި
ނިމޭތަން ބަޔާންކުރުމުގައެވެ. ހަމައެހެންމެ ޕެރެގުރާފު 2 ގައި "ބަލާބެލުމަށް"
މިލަފުޒު ބޭނުންކޮށްފައިވަނީ އަންހެންކުއްޖާއަށް ބަލާނިމުނަށްފަހު އޭނާގެ
ސިފަކިޔާދިނުމަށް ކަމަށްވާތީވެ، މި ލަފުޒުގައި "އަށް" ބޭނުންކޮށްފައިވަނީ
ކަންހިނގައި ނިމޭތަން ބަޔާންކުރުމަށް ކަމަށް ގަބޫލުކުރެވެއެވެ. މުހައްމަދު
ޖަމީލު (1969) ހާމަކޮށްފައިވާ ގޮތުގައި "އަށް" މިއަކުރު ކަންހިނގައި ނިމޭތަން
ބަޔާންކުރުމަށް ބޭނުންކުރެވެއެވެ. ހަމައެހެންމެ މިލަފުޒުގައި "އަށް"
ބޭނުންކޮށްފައިވަނީ ލިޔުންތެރިޔާއަށް ފެނުނު ފެނުމާއި އަންހެންކުއްޖާގެ
ގައިގައި ހުރިކަމަށް ލިޔުންތެރިޔާ ބަޔާންކުރާ ސިފަތަކާއި ދެމެދުގައިވާ ގުޅުން
ދޭހަކޮށްދިނުމަށް ކަމަށްވާތީވެ، "އަށް" މިއީ ގުޅުންދޭހަކޮށްދޭ އަކުރެއްގެ
ގޮތުގައި ގަބޫލުކުރެވެއެވެ.
ޕެރެގުރާ 2 ގައި "ހުރީ" (ހުރި + އީ) މިލަފުޒުގައި "އީ" ބޭނުންކޮށްފައިވަނި
އަންހެންކުއްޖާގެ ގައިގައި ހުރިސިފައެއް ބަޔާންކުރުމުގައި،
އަންހެންކުއްޖާއާއި ޔޫރަޕުމީހުނާއި އަޅާކިޔުމުގެ ގޮތުންނެވެ. އެއީ
މިޖުމުލައިގެ އިސްބަޔަކީ އަންހެން ކުއްޖާއަށްވެފައި އަދި ޚަބަރަކީ އޭނާގެ
ކިބައިގައިވާ ސިފަތަކެއް ބަޔާކޮށްދިނުން ކަމުގައިވާތީއެވެ. ހަމައެހެންމެ "އީ"
ގެނެވިފައިވަނީ އަންހެންކުއްޖާއާއި ގުޅިގެން އޭނާގެ ސިފަތައް ބަޔާންކުރުމަށް
ކަމަށްވާތީއެވެ. އެހެންކަމުން މިލަފުޒުގައި "އީ" އަދާކޮށްދޭ ދައުރަކީ
އިސްބައިކަމުގެ މާނައާއި އޭގެފަހަތަށް ފަހަތަށް ޚަބަރެއް އަންނާނެކަމުގެ މާނަ
ދޭހަކޮށްދިނުމެވެ. ހަމައެހެންމެ ތާވަލު 4 ގައި ބަޔާންކޮށްފައިވާ ގޮތުގައި
"އީ" މިއަކުރު އަދާކުރާ މައިގަނޑު އެއްދައުރަކީ އިސްބައިކަމުގެ މާނައާއި އޭގެ
ފަހަތަށް ޚަބަރެއް އަންނާނެކަމުގެ މާނަ ދޭހަކޮށްދިނުމެވެ. މިގެއިތުރުން
ދ.ތ.ޚ.ޤ.މ. (2004) ބަޔާންކުރާގޮތުގައި "އީ" މިއަކުރަކީ ފުރިހަމަކޮށްދޭ ބައިގެ އަކުރެކެވެ. ހަމައެހެންމެ މިޖުމުލައިގައި ފުރިހަމަކޮށްދިނުމުގެ
ގޮތުން އީ ބޭނުންކުރެވިފައި އޮތުމުން މިއީ ފުރިހަމަކޮށްދޭ އަކުރެއްކަން
ހާމަވެއެވެ.
ޕެރެގުރާފު 3
ޕެރެގުރާފު 3 ގައި ބޭނުންކޮށްފައިވާ "ދަނޑުވެރިން" (ދަނޑުވެރި + އިން) މިލަފުޒުގައި "އިން" ބޭނުންކޮށްފައިވަނީ "ދަނޑުވެރި" މިނަން ގިނަވުމުގެ މާނައަށް ބަދަލުކުރުމުގެ ގޮތުންނެވެ. އާދަމުގެ ދަރިންނަށް ރައްދުކުރެވޭ ނަންނަގެ ފަހަތަށް ގިނަވުމުގެ މާނަ ދޭހަކުރުމަށް "އިން" މިއަކުރު ގެނެވޭ ކަމަށް މުހައްމަދު ޖަމީލު (1969) ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ މިޕެރެގުރާފުގައި ބޭނުންކޮށްފައިވާ "ދަނޑުވެރިން" މިއީ އާދަމުގެ ދަރިންނަށް ރައްދުކުރެވޭ ނަމަކަށް ވެފައި، ދަނޑުވެރިން މިއީ އެކަކަށްވުރެ ގިނަބަޔަކަށް ނިސްބަތްކުރެވޭ ގޮތްކަމަށް ވުމުން މިތަނުގައި "އިން" ބޭނުންކޮށްފައިވަނީ ގިނަވުމުގެ މާނައިގައިކަމަށް ބެލެވެއެވެ. ހަމައެހެންމެ ދ.ތ.ޚ.ޤ.މ. (2004) ގައި ބަޔާންކޮށްފައި ވާގޮތުގައި "އިން" މިއީ ގުޅުންދޭހަކޮށްދިނުމަށް ބޭނުންކުރެވޭ އަކުރެކެވެ. ހަމައެހެންމެ މިޕެރެގުރާފުގައި ބޭނުންކޮށްފައިވާ ގޮތަށް ބަލާއިރު ދަނޑާއި އެތަނުގައި މަސައްކަތްކުރާ މީހުންނާއި ދެމެދުގައިވާ ގުޅުން ދޭހަކޮށްދެނީ "ދަނޑުވެރިން" މިލަފުޒުގައި ބޭނުންކޮށފައިވާ "އިން" މިއަކުރުންނެވެ. އެހެންކަމުން މިއީ ގުޅުން ދޭހަކޮށްދޭ އަކުރެއްކަމަށް ބެލެވެއެވެ.
ޕެރެގުރާފު 3 ގައި ބޭނުންކޮށްފައިވާ "އަމިއްލައަށް" (އަމިއްލަ + އަށް)
މިލަފުޒުގައި "އަށް" މިއަކުރު ބޭނުންކޮށްފައިވަނީ މިލްކުވުމުގެ
މާނައިގައިކަމަށް ބެލެވެއެވެ. ސަބަބަކީ ފަޅޯގަހަކީ އޭގެޒާތުގައި ހެދޭ
އެއްޗެއް ކަމަށް ބުނުމުގައި ބެނުންކޮށްފައިވާ އަމިއްލައަށް މިލަފުޒުގައިވާ
"އަށް" ގެ އެހީގައި ފަޅޯގަހަށް އެކަން މިލްކު ކޮށްދެއެވެ. ދ.ތ.ޚ.ޤ.މ. (1993)
ގައި ބަޔާންކުރާގޮތުގައި "އަށް" މިއަކުރު މިލްކުވުމުގެ މާނައިގައި
ބޭނުންކުރެވެއެވެ. އެހެންކަމުން ބަޔާންވެދިޔަ ކަންތައްތަކަށްބަލައި،
މިއަކުރުގައި "އަށް" މިއަކުރު އަދާކުރާދައުރަކީ މިލްކުކޮށްދިނުން ކަމަށް ގަބޫލުކުރެވެއެވެ. ހަމައެހެންމެ
މިތަނުގައި "އަށް" ބޭނުންކުރެވިފައިވަނީ، ފަޅޯގަސް ހެދޭ ހެދުމަކީ
އޭގެޒާތުގައި ހެދޭހެދުމެއް ކަމާއި ދެމެދުގައިވާ ގުޅުން
ދޭހަކޮށްދިނުމަށެވެ.
ޕެރެގުރާފު 4
ޕެރެގުރާފު 4 ގައި ގެނެސްފައިވާ "މޭވާއެއް" (މޭވާ + އެއް) މިލަފުޒުގައި "އެއް" ބޭނުންކޮށްފައި ވަނީ މޭވާ މިނަން އާއްމު ކުރުމަށްޓަކައެވެ. ތާވަލު 3 އިން ހާމަވާގޮތުގައި "އެއް" މިއަކުރަކީ އާއްމުކުރުމުގެ އަކުރެކެވެ. މިލަފުޒުގައި އެއް ބޭނުންކޮށްފައި ވަނީ، އޭގެ ކުރިން އިޝާރާތްކުރެވޭ ޖަނބުރޯލު މި މޭވާ އާއްމުކުރުމުގެ ގޮތުންނެވެ. އެހެންކަމުން މިތަނުގައި "އެއް" ބޭނުންކޮށްފައިވަނީ އާއްމުކުރުމުގެ ގޮތުންކަމަށް ބެލެވެއެވެ. ހަމައެހެންމެ "އެއް" މިއީ ފުރިހަމަކޮށްދޭ އަކުރަކަށް ވާއިރު، މިޖުމުލައިގައި "އެއް" ބޭނުންކޮށްފައިވަނީ ޖުމުލައިން ދޭހަވާ މާނަ ފުރުހަމަކުރުމަށް ކަމަށް ގަބޫލުކުރެވެއެވެ.
ޕެރެގުރާފު 4 ގައިގެނެސްފައިވާ "ކަމަށް" (ކަން + އަށް) މިލަފުޒުގައި "އަށް"
މިއަކުރު ބޭނުންކޮށްފައިވަނީ، ޖަނބުރޯލަކީ މޭއެއްގެ ގޮތުގައި ކައިއުޅުނު
އެއްޗެއް ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކާބޯތަކެތި
ތައްޔާރުކުރުމަށް ޖަނބުރޯލު ބޭނުންކުރާކަން އަންގައިދިނުމަށެވެ.
އެގޮތުން ޖަނބުރޯލު
ބޭނުންކުރެވޭ ދެގޮތެއް ގުޅުވައިދިނުމުގައި "ކަމަށް" މިލަފުޒުގައި "އަށް"
ބޭނުންކޮށްފައިވެއެވެ. އެހެންކަމުން މިތަނުގައި "އަށް" އަދާކުރާ ދައުރަކީ
ގުޅުވައިދިނުން ކަމަށް ބެލެވެއެވެ. ނަމަވެސް އެއްވެސް ޤަވާޢިދު ފޮތެއްގައި
"އަށް" ގުޅުވައިދިނުމުގެ ދައުރު އަދާކުރާކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.
ހަމައެހެންމެ "އަށް" މިތަނުގައި ބޭނުންކުރެވިފައި ވަނީ ޖަނބުރޯލު
ބޭނުންކުރެވޭ ތަފާތު ދެގޮތެއްގެ ދެމެދުގައިވާ ގުޅުން ދޭހަކޮށްދިނުމަށް
ކަމުގައި ވާތީ، ދ.ތ.ޚ.ޤ.މ. (2004) ގައި ބަޔާންކޮށްފައިވާ ފަދައިން "އަށް"
މިއީ ގުޅުން ދޭހަކޮށްދޭ އަކުރެއްކަމަށް ބެލެވެއެވެ.
ޕެރެގުރާފު 5
ޕެރެގުރާފު 5 ގައި ބޭނުންކޮށްފައިވާ "އާބާދީއެއް" (އާބާދީ + އެއް) މިލަފުޒުގައި "އެއް އަދާކުރާ ދައުރަކީ އާބާދީ މިނަން އާއްމުކޮށްދިނުމެވެ. ދ.ތ.ޚ.ޤ.މ. (2004) ގައި ބަޔާންކުރާގޮތުގައި "އެއް" މިއަކުރު އަދާކުރާ އެއް ދައުރަކީ އާއްމުކުރުމުގެ މާނަ ދޭހަކޮށްދިނުމެވެ. އެގޮތުންބަލާއިރު "އާބާދީ +އެއް" ގެނެވިފައިއޮތުމުން "އެއް" މިއަކުރުގެ ސަބަބުން އާބާދީ މިނަން އާއްމުކުރެވެއެވެ. އެހެންކަމުން މިތަނުގައި "އެއް" މިއަކުރު އަދާކުރާ ދައުރަކީ އާއްމުކުރުން ކަމަށްބެލެވެއެވެ.
ޕެރެގުރާފު 5 ގައި ގެނެސްފައިވާ "ނޮޅިވަރަންފަރާ" (ނޮޅިވަރަންފަރު +އާ)
މިލަފުޒުގައި "އާ" މިއަކުރު ބޭނުންކުރެވިފައި ވަނީ ނަން ޚާއްސަކުރުމުގެ
ގޮތުންނެވެ. ދ.ތ.ޚ.ޤ.މ. (2004) ގައި ބަޔާންކުރާގޮތުގައި "އާ" މިއަކުރުގެ
ދައުރަކީ ނަން ޚާއްސަކުރުމެވެ. އެގޮތުން ބަލާއިރު މިޕެރެގުރާފުގައި
'ނޮޅިވަރަންފަރާ' ބުނުމުން އެހާލަތަށްބަލާ ނަން ޚާއްސަކުރެވިފައިވެއެވެ.
އެހެންކަމުން މިތަނުގައި "އާ" އަދާކުރާ ދައުރަކީ ނަން ޚާއްސަކުރުންކަމަށް
ބެލެވެއެވެ. ހަމައެހެންމެ "އާ" މިއަކުރަކީ ފުރިހަމަކޮށްދޭ އަކުރެއްކަނުގައި
ދ.ތ.ޚ.ޤ.މ. (2004) ގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ
މިޕެރެގުރާފުގައިވެސް "އާ" ބޭނުންކުރެވިފައިވަނީ މާވައިދޫއާއި
ނޮޅިވަރަންފަރާއި ދެމެދުގައިވާ ދުރުމިން ބަޔާންކުރުމުގައި ޖުމުލަ
ފުރިހަމަކޮށްދޭ އަކުރެއްގެ ގޮތުގައެވެ.
ނިންމުން
ދިވެހިބަހުގައި ބޭނުންކުރެވޭ އަކުރުތަކުގެ ތެރެއިން "އިން، އަށް، އާ، އެއް،
އީ" މި ފަސް އަކުރު އަދާކުރާ ދައުރާއި ބެހޭބައިތަކުގެ މައްޗަށް ކުރެވުނު
މިދިރާސާއިން އެގުނު ގޮތުގައި، ދިވެހިބަހުގެ ޤަވާއިދު ފޮތްތަކުގައި
ބަޔާންކޮށްފައިވާ ދައުރުތަކާއި މިހާރުގެ ލިޔުންތަކުގައި މިއަކުރުތައް
ބޭނުންކުރެވިފައިވާ ގޮތާމެދު ތަޢާރަޒުވުންތަކެއް އެކުލެވިފައިވެއެވެ.
އެގޮތުން "އަށް އަދި އީ" މިދެއަކުރު ބޭނުންކުރުމުގައި ޤަވާޢިދު
ފޮތްތަކުގައިވާ ގޮތްތަކުގެ އިތުރުން އެހެން ދައުރެއް އަދާކުރާކަން
މިދިރާސާއިން ފާހަގަ ކުރެވިފައިވެއެވެ. ނަމަވެސް މިއަކުރުތައް
ބެހޭބައިތައްކަމަށް ފޮތްތަކުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތަށް
މިހާރުގެ ލިޔުންތަކުގައިވެސް ބޭނުން ކުރެވެމުން ދާކަމަށް ފެނެއެވެ.
ދިވެހިބަހުގެ ޤަވާއިދު ފޮތްތަކުގައި ކޮންމެވެސް ވަރަކަށް މައްސަލަ ހުރިކަމަށް
މިފަދަ ކުޑަ ދިރާސާއަކުން ހާމަވެފައިވުމުން، އެފޮތްތައް ލިޔެވިފައިވަނީ މާބޮޑު ދިރާސާ ތަކަކާއެކުގައި ނޫންކަމަށް ގަބޫލުކުރެވެއެވެ. އަދި އެފޮތްތައް
އަލުން ބަލައި އޭގެހުރި ކުށްތައް ފިލުވުމުގެ މަސައްކަތް ކުރުމަކީ މުހިންމު
ކަމެއްކަމަށް ފެނެއެވެ. ހަމައެހެންމެ ދިވެހިބަހުގައި ބޭނުންކުރެވޭ "އިން،
އަށް، އާ، އެއް، އީ" މި ފަސް ބޭނުންކޮށްގެން މިއަށްވުރެ ފުޅާގޮތެއްގައި
މިފަދަ ދިރާސާއެއް ކުރެވިއްޖެނަމަ އިތުރު ކަންތައްތަކެއް
ހާމަވެގެންދާނެކަމަށް ގަބޫލުކުރެވެއެވެ.
ރެފަރެންސް ލިސްޓް
·
ހުސައިން ޝާކިރު. (2010). ފަޅޯ: މޮޅު
ފަރުވާއެއް. ފަންވަތް. ނެގީ، އެޕްރީލް 1، 2012، http://fanvai.info/sihhath/1769-2010-10-27-19-56-31.html ން
·
ޙުސައިން ރަޝީދު އަޙުމަދު. (1999). ދިވެހިބަހުގެ
ބަސްމަގު. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
· އަބްދުލް
އަޒީޒު ޙަމީދު. (2012). ޖަނބުރޯލު. ނެގީ، އެޕްރީލް 1، 2012، http://kavaasaa.com/sihhat/kaanaa/jaburoalu.html ން
·
އަބްދުﷲ ސާއިދު. (2011). ޤާނޫނާއި ޤާވާއިދާ
ޚިލާފަށް ރާއްޖޭގެ ... އައްޑަނަ. 09.
·
އަލީ އަހުމަދު. (1978). ކުދިން ތަރުބިއްޔަތުކުރާނީ
ކިހިނެތް؟. ނޮވެލްޓީ ޕްރެސް.
·
އަލީ އިސްމާއިލް. (2008). ބަހަށް އިންތިޒާރުކުރަމުން ދިޔައިރު... ކަވާސާ.ކޮމް.
ނެގީ، އެޕްރީލް 1، 2012، http://www.kavaasaa.com/adabaai-saqaafa/vaahaka/bus-inthizaar.html ން
· މުޙަންމަދު ޖަމީލު ދީދީ. (1969). ފިޔަވަޅު1،2،3 ދިވެހިބަހުގެ ޤަވާޢިދު. ޗާފުކުރި ފަރާތެއް އެނގޭކަށްނެތް.
·
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1993). ބަހުގެ
ހަމައިގެ އަތްމަތީ ފޮތް. މާލެ: މުޞައްނިފު.
·
ދިވެހި ބަހާއި ތާރީޚަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ
ޤަވާއިދު 1،2،3،4. މާލެ: މުޞައްނިފް.