ހިތްދަތި ކަމުގައި
މުހައްމަދު ގާސިމް
ދާ ހިއްލަނީއެވެ. ހާސްވަނީއެވެ. މޭ ނުބައި ކުރަނީއެވެ. ހޮޑު
ލަވަނީއެވެ. ތެޅިއްޖެއެވެ. ކިތަންމެ ވަރަކަށް ވެސް ތެޅިއްޖެއެވެ. އެކަކު ވެސް ނައެވެ.
އަޑު އިވޭކަމަކަށް ވެސް ނުހެދިއެވެ. ފޯނު ކުރެވިއްޖެއެވެ. ދަންނަ ހުރިހާ ނަންބަރަކަށްހެން
ގުޅިއްޖެއެވެ. ފޯނެއް ނުނެގިއެވެ. މިއީ އަނެއްކާ ރޭވުމެއް ބާވައެވެ؟ އެކަމަކު މިފަދަ
ރޭވުމެއް ރާވާނީ ކާކުހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟
މިހާ ޅަ އުމުރެއްގައި، އަމިއްލަ ގައުމު ދޫކޮށްފައި އައިސް،
ބޭރު ގައުމެއްގައި، އަހަންނަށް އުޅެން މި ޖެހުނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟
އަހަރެންގެ އުމުރުން އަދި އަށާރަ އަހަރެއް ނުފުރެއެވެ. މި އުމުރުގެ އެހެން ކުދިންނެކޭ
އެއްގޮތަށް ސްކޫލަކަށް ގޮސް ކިޔަވަން އަހަރެން ވެސް ބޭނުމެވެ. މަންމަގެ އުނގުގައި ބޯ
އަޅާލައިގެން އޮވެ، ނިދާލަން ހިތް އެދެއެވެ. މައިން ބަފައިންގެ ލޯބިވެތި ފިރުމުންތަކުން
އުފާ ހާޞިލުކުރުމުގެ އެދުންވެރިކަން ބޮޑެވެ. އެހެންނަމަވެސް ތަގުދީރު މިއަދު އަހަންނަށް
ކުރިމަތި ކުރުވީ އެއަށްވުރެ މާ ނިކަމެތި ހާލަތެކެވެ. ބަދު ދުވަސްތަކެކެވެ.
އެއީ އެއްދުވަހެއްގެ މެންދުރުކުރީގެ ވަގުތެވެ. އާދައިގެ މަތިން
އަހަރެން އުޅުނީ، މަންމައާއެކު ގޭތެރޭގެ މަސައްކަތުގައެވެ. އިރުކޮޅަކުން އައިސް ގެއަށް
ވަނީ ބައްޕައެވެ. ބައްޕަގެ މޫނުމަތީގައި ހުރީ އުފާވެރިކަމެވެ. ބައްޕަ އައިސް އަހަރެންގެ
ގައިގައި ބައްދައިލީ، އުފަލުން ފުރިފައިވާ ހިތަކާއެކުގައެވެ. ދިނީ ހިތް ބަންޑުންވާ
ފަދަ ޚަބަރެކެވެ. ވަރަށް ކުރިއްސުރެ އަހަރެން ދެކެމުން އައި ހުފެނެއް ޙަޤީޤަތަކަށް
ވީއެވެ. މަތީތަޢުލީމް ޙާޞިލު ކުރުމަށްޓަކައި، އަންނަ އަހަރު އަހަރެން މެލޭޝިޔާއަށް
ފޮނުވުމުގެ ހުރިހާކަމެއް ހަމަޖެނު ކަމުގެ އުފާވެރި ޚަބަރު ދިންއިރު، ބައްޕަގެ ދެލޮލުން
ވިދަމުން އައީ އުފާވެރިކަމެވެ. އަހަންނަށް ރޮވުނެވެ. މަންމަގެ ގައިގައި ބައްދައިލެވުނުއިރު،
މަންގެ ހަށިގަނޑުގައި ތުރުތުރެއް ހުރިކަން އަހަންނަށް އިހުސާސްކުރެވުނެވެ.
އެރޭ އަހަރެން ނިދަން އޮށޯތީ އުފަލާއެކުގައެވެ. މަންމައާއި
ބައްގެ މޫނުމަތީން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަތަކެވެ.
މިއީ އަހަންނަށްނެކޭ އެއްފަދައިން، ނޫންނަމަ އެއަށްވުރެ ވެސް މާ ބޮޑަށް މަންމައާއި
ބައްޕަ ކުރަމުން އައި އުއްމީދެއްކަން އަހަންނަށް އެނގެއެވެ. ބުރަ މަސައްކަތްކޮށްގެން
ލިބޭ ކުޑަކުޑަ އާމްދަނީން ބަޔެއް ފަހަށް ރައްކާކުރީ، ދިރިއުޅުމުގެ އެތައް މުހުތާދެއް
ޤުރުބާންކޮށްފައިކަން އަހަންނަށް އެނގެއެވެ. އެއީ މިއަދަށް ޓަކައި އެ ބައިމީހުން ވީ
ކޮންފަދަ ބޮޑު ޤުރުބާނީއެއް ހެއްޔެވެ؟
އިންސާނުން ކަންކަން ތަދުބީރު ކުރަމުން ދާއިރު، ތަޤުދީރުގައި
ލިޔެވިފައިވަނީ ކިހިނެއްކަން އެނގޭނެ ހަމަ އެކަކު ވެސް ނުހުންނާނެއެވެ. އަހަރެންގެ
ޙަޔާތް ވެގެންދިޔައީ އޭގެ މިސާލަކަށެވެ. ޖެހިގެން އައި ދުވަސް ވެގެން ދިޔައީ އަހަރެންގެ
މުޅި ޙަޔާތް އެފުށް މިފުށަށް ޖަހައިލި ދުވަހަކަށެވެ. ދެކެމުން އައި ފޮނި ހުވަފެންތަކާއި،
ކުރި ނަޔާ އުއްމީދުތައް، އޮޔަށް ވަޔަށް ބުރައިގެން ދިޔަ ދުވަހަކަށެވެ. އޭޝިޔާގެ ގައުމުތައް
ތަޅާ ސުންނާފަތި ކުރި ބިރުވެރި ސުނާމީގެ ބިޔަ ރާޅުތަކުގެ ތެރޭގައި، އަހަރެންގެ ލޯބިވާ
މަންމައާއި ބައްޕަ ގެއްލި ދިޔައީއެވެ. އަތް ފައި ކޮށައިގެން އުމުރު ދުވަހު ކުރި މަސައްކަތުން،
ބައްޕަ އެޅި ގެގަނޑު، ފުނޑުފުނޑުވެ ދިޔައީއެވެ. އެ ދުވަހަކީ އިންސާނެއްގެ ދެ ލޮލުން
ކަރުނަ ހުސްވާނޭ ނަމަ އަހަރެންގެ ދެ ލޮލުން ކަރުނަ ހުސްވާނޭ ދުވަހެކެވެ. އިއްޔެ އަހަރެން
ހެއްވީ އަހަންނަށް މި ހާތަނަށް ލިބުނު އެންމެ އުފާވެރި ޚަބަރާއެކުގައެވެ. މިއަދު އޭގެ
އަނެއްކޮޅެވެ. އެންމެ ވޭންދެނިވި ޚަބަރެވެ.
އަހަރެން ބިކަވެއްޖެއެވެ. ދުނިޔެއަށް ބާކީވެ ގިނަވެއްޖެއެވެ.
މުސްތަގުބަލަށް ކުރި ފޮނި، އުފާވެރި އުއްމީދުތައް ބެހިގެން ހިނގައްޖެއެވެ. ބައެއް ފަހަރު
ހިތަށް އަރައެވެ. މަންމައާއި ބައްޕަ ދިޔަމަގުން އަހަރެން ނުގެންދެވީ ކީއްވެގެން ބާވައެވެ؟
އެނިމާއެކަނި، މި އޮތް ބޮޑު ދުނިޔޭގައި، މުޅި އުމުރު ވޭތިކުރާނީ ކިހިނެއް ބާވައެވެ؟
އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެންނޫންނަމަ މިހާރު އަހަރެން
މި ދުނިޔެއަކު ނުހުރީސް ކަންނޭނގެއެވެ.
ލޯ މަރައިލާއިރަށް ހީވަނީ މަންމަގެ ލޯބިވެތި މޫނު ފެންނަހެންނެވެ.
ބައްޕަގެ އޯގާވެރި އަޑު އިވޭހެންނެވެ. ހީނލާ އަޑު އިވޭހެންނެވެ. ގޮވައިލާ އަޑު އިވޭހެންނެވެ.
ލޯ ހުޅުވައިލުމާއެކު އެހުރިހާ ކަމެއް ގެއްލެއެވެ. އަވާމެންދުރަކަށް ވެދެއެވެ. މިއީ
މިއަދު އަހަރެންގެ ހާލެވެ. މިފަދަ ހާލެއްގައި، ރެފިއުޖީއެއްގެ ގޮތުގައި، ވަގުތީ ހިޔަލުގެ
ދުނިޔޭގައި އުޅެނިކޮށް، ކޮންމެވެސް ގޮތަކުން އަހަންނަށް ދިވެހިރާއްޖެއަށް އައުމުގެ
ފުރުޞަތު ލިބިއްޖެއެވެ. ހެޔޮ އެދޭ އަވަށްޓެރިއެއްގެ މަސައްކަތުންނެވެ. ދިރިއުޅުމުގެ
އުއްމީދު ކޮންމެވެސް މިންވަރަކަށް އާވެ، ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބިއްޖެއެވެ.
ދިވެހިރާއްޖެއަށް އަހަރެން އައީ ފޮނި އުއްމީދަކާއެކުގައެވެ.
ގެއެއްގައި ގެންގުޅޭ މީހެއްގެ ގޮތުގައި ކަމަށްވިޔަސް، މުސާރައެއް ލިބޭނޭކަން އެނގޭތީ،
މުސްތަގުބަލަށް އުއްމީދު ކުރެވުނެވެ. އަނެއްކޮޅުން ދިވެހި ރާއްޖެއަކީ، އަމާން ވެށްޓަކާއި،
ހިތް ހެޔޮ ރައްޔިތަކާއި، ރީތި ސާފު މާޙައުލެއް ލިބިފައިވާ ފަޚުރުވެރި ގައުމެކޭ ބުނާއަޑު
އިވިފައިވާތީ، އެކަމާވެސް އުފާކުރީމެވެ.
އަހަންނަށް އުޅެން ޖެހުނީ، ކުޑަ ކުޑަ އާއިލާއަކާއެކުގައެވެ.
ރީތިރީތި ފްލެޓެއްގައެވެ. ދެމަފިރިންނާއި އެ ދެމަފިރިންގެ ދެ ދަރިން ފިޔަވައި، ދެން
އެ ފްލެޓުގައި އުޅޭ ހަމައެކަނި މީހަކީ އަހަންނެވެ. އެ ދެމަފިރިން ރަނގަޅެވެ. ހިތްހެވެވެ.
އެއީ ސަރުކާރު ވަޒީފާގައި އުޅޭ ދެމަފިރިން ކަމަށްވާތީ، އަހަރެންގެ މައިގަނޑު ކަމަކީ
އެ ދެމަފިރިންގެ ކުޑަ ދެ ކުދިންގެ ކަންކަން ބެލެހެއްޓުމެވެ. އެއީ ފަސް އަހަރުގެ ފިރިހެން
ކުއްޖަކާއި ތިން އަހަރުގެ އަންހެން ކުއްޖެކެވެ. ސިޔާސަ ދެ ކުދިންނެވެ. ފިރިހެން ކުއްޖާގެ
ސިޔާސަކަން އަދި ވަކިން ބޮޑެވެ. ބައެއް ފަހަރު އެއްގޮތަކަށް ވެސް ބުނާބަހެއް އަޑެއް
ނާހާނެއެވެ.
ކުއްލިއަކަށް މާބޮޑަށް ދާހިއްލަން ފަށައިފިއެވެ. ހާސްވާން ފަށައިފިއެވެ.
ދޮރުފަތުގައި ތަޅައިގަނެވުނެވެ. ބޮކި ނިއްވާނުލިކަން ނަޞީބޭ ހިތަށް އެރިއެވެ. ގަޑިއަށް
ބަލައިލިއިރު، ހެނދުނު ހައެއް ޖަހަނީއެވެ. މިއީ ރޭ އެގާރަ ނުޖަހަނީސް މިތަނަށް ވަން
މީހާއެވެ. ދައްތައާއި ބޭބެ ވީ ޑިއުޓީގައެވެ. ދެ ކުދިން ޓީވީ ބަލަން ތިއްބާ، ޓީވީ ނިއްވާލާފައި
ނިދަން ހިނގާށޭ ބުނީމާ، އޭގެ އަދަބެއްގެ ގޮތުން ކުރި ކަމަކަށް ނޫނީ ނުވާނެއެވެ. އަހަރެން
މި ތަނަށް ވަނީ ބޭރުން ތަންޑު އަޅުވަފާނޭ ކަމަކަށް ނޫނެވެ.
ހަގަޑި ބައިވިފަހުން ފޯނެއް އަތުވެއްޖެއެވެ. އެއީ ތިރީ ބައިގައި
އުޅޭ ކުއްޖެކެވެ. އަހަރެން ހާސްވެ ކަންބޮޑުވެގެން އެތައް ފަހަރަކު ގުޅާފައި އޮތުމުން
ގުޅީއެވެ. އަހަންނަށް ރޮއިގަނެވުނެވެ. އޭނާ އައިސް ފާޚާނާގެ ދޮރު ހުޅުވާލުމާއެކު އަހަންނަށް
ވީގޮތް ވެސް ނޭނގުނެވެ. އަވަސް އަވަހަށް ނިކުމެ، އޭނާގެ ގައިގައި އޮޅުލައިގަނެވުނީއެވެ.
އޭރު ކުޑަ ދެ ކުދިން ޓީވީ ބަލަން ތިބި ގޮތަށް، ސޯފާގައި ނިދިފައި ތިއްބެވެ. ޓީވީވެސް
ހުރީ ހުޅުވި ގޮތަށެވެ.