ޒުވާނާ
ލިޔުނީ: މުޙައްމަދު ޤާސިމް
މެންދުރުގެ ވަގުތެވެ. މާލޭގެ މަގުތަކަށް ވެރިވެފައިވަނީ އާދަޔާޚިލާފު
އުދާސްކަމެކެވެ. އެ އުދާސްތަކުގެ ތެރޭގައި މަގުފިރުމަމުން އައި މުސްކުޅި
“ޒުވާނާ” ފެނިފައި ލިބުނީ އާދަޔާޚިލާފު ހައިރާންކަމެކެވެ. އޭނާގެ
ދަށްބޮލުގައި ހުރި ހައެއްކަ އިސްތަށި ނެތްނަމަ މުޅިބޯ ހީވާނީ ބަރަބޮލެއް
ހެންނެވެ. އިރަށްވުރެ ދަޅަގަދަވެފައިވާ ތަލައާއި، ވަޅުވަދެފައިވާ ދެ ލޮލާއި،
ދެ ކޮލުގެ އިތުރުން، ކުދި ރުލާއި ބޮޑެތި ރުލުން ފުރިފައިވާ މޫނާއި، އަތުގެ
ކުރަކިވެފައިވާ ހަންގަނޑު، އޭނާގެ އުމުރު ފަސްދޮޅަހަށްވުރެ ދަށްނުވާނޭކަމަށް
ބުނަމުންދެއެވެ.
ހަށިގަނޑު މިފަދަ ގޮތަކަށް ހުރިނަމަވެސް އެއީ “ޒަމާނީ ޒުވާނެކެ”ވެ. ކަރުގައި
އަޅާފައިވަނީ ހަމަ އެންމެ ފަހުގެ ފަލަ ޗޭނުފަށެކެވެ. ދެ އަތުގައި ވެސް ޗޭނާއި
ޕެކިނެވެ. ދެ ކަންފަތް ތޮރުފައި މުދި ލައްވާފައެވެ. ދަށްބޮލުގައި ހުރި
ލޯލިކޮޅުގައި ވެސް އެހެރީ ކުޖައްސާފައެވެ.
ބަލިކަށި ހިނގުމެއްގައި އޭނާ ހިނގަމުން ދިޔައިރު، މަގުހިނގާ މީހުންގެ
ކަޅިތައް އޭނާއާ ދިމާއަށް ހުއްޓެމުން ދިޔައީ ތަފާތު ގޮތަކަށެވެ. އެއްބަޔަކު
ބަލަނީ ހައިރާން ކަމާއެކުގައެވެ. އަނެއްބަޔަކު ބަލަނީ މަލާމާތުގެ
ހިނިތުންވުމަކާއެކުގައެވެ. ސުވާލުގެ ނަޒަރަކުން ބަލާމީހުން ވެސް މަދެއް
ނޫނެވެ. ޢާންމުކޮށް ނުފެންނަ ކަހަލަ މަންޒަރަކަށް ވާތީ ކަންނޭނގެއެވެ.
މިފަދަ އެތައް ނަޒަރެއްގެ ތެރެއިން ފުރޭނެމުން ދިޔަ މުސްކުޅިޔާގެ
މަންޒިލަކަށްވީ، މަޑު މުށިކުލައިގެ ދޮރުފަތެއް ހުރި ބޮޑު ދޮރާށްޓެވެ. ދޮރާށި
ހުޅުވާލުމަށްފަހު އޭނާ ގެއަށް ވަދެއްޖެއެވެ. ގޭތެރޭގައި ހުރި ކޮންމެ
އެއްޗަކުން ވެސް ފާޑުވެރިކަމުގެ އަތެއްގެ ތަރުތީބާއި ސާފުތާހިރުކަން
ފެނެއެވެ. މިއިން އެއްވެސް އެއްޗަކަށް ސަމާލުކަމެއް ދިނުމެއްނެތި، އޭނާ
ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
“އަހަންމަދުފުޅާ! ކޮންތާކުން ތިއައީ؟”
އަންހެނެއްގެ އަޑަށް އޭނާ ބަލައިލިއެވެ. ފަހަތުގައި ހުރީ އޭނާގެ އަންހެނުން
ޒުބޭދާއެވެ. އޭނާ ބަހެއް ނުބުނެއެވެ.
“ޖޫސްތަށްޓެއް ހަދަންތަ؟”
“ނޫން! ބޯހިތެއް ނެތް!” އަހަންމަދުފުޅު އަނެއްކާ ވެސް ހިނގައިގަތީ ކޮޓަރިއާ
ދިމާއަށެވެ.
ކޮޓަރިއަށް ވަދެގެން ގޮސް އަހަންމަދުފުޅު ހުއްޓުނީ، ފުރިހަމަ އިސްކޮޅު
ފެންނަވަރުގެ ބޮޑު ލޯގަނޑުގެ ކުރިމައްޗަށެވެ. އަމިއްލަ ސޫރައަށް އެ ބަލައިލީ
ފަޚުރުވެރިކަމާއެކުގައި ބާވައެވެ؟ ކަންފަތުގައި ލާފައި އޮތް މުދީގައި
އަތްޖައްސައިލީ ރީތި ވެގެންބާވައެވެ؟ ކަރުގައި އަޅާފައިވާ ޗޭނުގަނޑުގައި ދެ
އަތުން ހިފަހައްޓައިލީ ކޮން ވިސްނުމެއްގައި ބާވައެވެ؟ އޭނާ އަދިވެސް ހުރީ
ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ،
ކުއްލިއަކަށް ފެނުނީ އޭނާގެ ވަޅުވަދެފައިވާ ދެ ލޮލުން ކަރުނަ
އޮހިގަންތަނެވެ.
އަހަންމަދުފުޅު އަވަސް އަވަހަށް ހިނގައިގަތެވެ. ދެ ލޯ ފޮހެލަމުންނެވެ.
އެނދުގެ މަގަތުގައި އިށީނދެ ހަމަޖެހިލެވޭވަރެއް ނުވިއެވެ. ކުއްލިއަށް އިވުނީ
މީހަކު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތް އަޑެވެ. ތަންކޮޅެއް ދުރުންނެވެ.
“މަންމާ! މިހާރު ދެން ބައްޕައާހެދި މަށަކަށް އުޅެވޭވަރެއް ނޫން!” އިވުނީ
އަހަންމަދުފުޅުގެ ފިރިހެން ދަރިފުޅުގެ އަޑެވެ.
“ބައްޕަ ކީއްކުރީ؟” މިފަހަރު އިވުނީ ޒުބޭދާގެ އަޑެވެ.
“މަންމައަކަށް ނުފެނޭތަ ބައްޕަ ހުންނަ ސިފައެއް؟ ދުނިޔެ އުޅެ މުސްކުޅިވީމަ
އުޅެންޖެހޭ ގޮތަކީ އެއީތަ؟”
“މުސްކުޅިއެއް ކަމަކު ރީތި ގޮތްގޮތް ބައްޕައަށް ވެސް ރީތިވާނެއެއްނު.”
“މަންމަ ވެސް ބޭނުންވަނީ ބައްޕަ އެ ސިފައަށް ހުންނަންތަ؟”
“ދަރިފުޅު ބޯދިގުކޮށް، ބޮލުގައި ކުލަ ޖައްސާފަ، ކަންފަތާ ތުންފަތާ ނޭފަތަށް
ދާންދެން ތޮރުފާފަ، ދެ އަތް ފުރެންދެން އެއްޗެހި އަޅާފަ ތިހުންނަނީ މަންމަ
ބޭނުންވެގެންތަ؟”
“މަށަކީ ޒުވާނެކޭ.”
“ބައްޕައަށް ވެސް އެގޮތް ރީތީކަންނޭނގެއެއްނު.”
“އެކަމަކު ބައްޕަ އެފާޑަށް އުޅޭތީ ހުރިހާ ރައްޓެހިން މަލާމާތް ކުރަނީ
މަށަށޭ!”
ދެ މައިންގެ ވާހަކަ މިހާތަނަށް ދިޔަތަނާ ފެނުނީ އަހަންމަދުފުޅުގެ ދެ ލޮލުން
އަނެއްކާ ވެސް ކަރުނަ އޮހިގަތްތަނެވެ. އޭނާ ދެ ލޯ ފޮހެލުމަށްފަހު، އެނދުގައި
އެއްއަރިއަކަށް ކަހަލަ ގޮތަކަށް އޮށޯވެލިއެވެ. ހިތުގައި އެތައް އުދާހެއް
އުތުރި އަރަމުންދާ ކަހަލައެވެ.
“އެކަމާ ދަރިފުޅު ލަދުގަނޭތަ؟” މަންމަ ސުވާލުކޮށްލި އަޑު އިވުނެވެ.
“ތިހެން އަހާއިރު މަންމައަކަށް ނޭނގޭތަ ލަދުގަންނާނެ ކަމެއް؟”
“އެކަމަކު ބައްޕައަށް އެ އުޅުން ދަސްކޮށްދިނީ ކާކު؟ މަންމައަށް ހީވަނީ
ދަރިފުޅުގެ އުޅުން ބައްޕައަށް ވެސް ރީތިވީހެން.”
“ކޮންމެހެން މީހަކު އުޅޭހައި ގޮތަކަށް މުސްކުޅިވީމަ އުޅޭކަށް ނުޖެހޭނެ!”
“ބައްޕަގެ ޒުވާންއުމުރު އެ އުޅުން ދަސްކޮށްދޭނެ މީހަކު ނެތްވިއްޔަ. ދެން
ކީއްކުރާނީ. ވެދާނެ ބައްޕައަށް ދަރިފުޅު ލިބުނުލެއް ތަންކޮޅެއް
ލަސްވީކަމަށް”
“މަންމަ ތިބުނަނީ ބައްޕަ ހަލާކުކުރީ އަހަންނޭތަ؟
“ބައްޕަ ހަލާކުވިކަމެއް ނުދެނަހުރިން.”
“މަންމައަކަށް ނޭނގޭނެ” އޭނާގެ އަޑު މިފަހަރު އައީ ކުރިއަށްވުރެ ވެސް
ބާރަށެވެ. “ބައްޕަ އެހުރީ ހަލާކުވެފަ. ވަރަށް ގޮތްކުޑަ އުޅުމެއް ބައްޕަ އެ
އުޅެނީ.”
“ރުޅިނާދޭ ދަރިފުޅާ! މިއަދު ދަރިފުޅަށް ތި ރައްދުވާ މަލާމާތް ބައްޕަގެ
ރައްޓެހިން ބައްޕައަށް ވެސް ރައްދުކުރި ދުވަހެއް އައި. އެކަމަކު އެދުވަހު
ބައްޕަ ރުޅިއައިސް އެއްޗެހި ކިޔުމުގެ ބަދަލުގައި ދަރިފުޅަށް ނަސޭހަތްދިނީ.
ރޮއި އާދޭސްކުރީ. އެ އަޑު ދަރިފުޅު އެހިންތަ؟ މިއަދު ބައްޕަ އެ ހުރީ
ހަލާކުވެފައި ކަމަށް ދަރިފުޅު ގަބޫލުކުރާކަމަށް ވާނަމަ، އެންމެ ފުރަތަމަ މި
އާއިލާއިން ހަލާކުވި ކުއްޖަކީ ދަރިފުޅުކަމަށް ގަބޫލުކުރޭ!”
މިހާތަނުން ގޭތެރެއަށް އައީ ހަމަހިމޭން ކަމެކެވެ. އަހަންމަދުފުޅު އޮތީ ދެން
އިވޭނެ ޖުމުލައަކަށް އިންތިޒާރު ކޮށްގެންކަން އޭނާގެ ދެ ލޯ ހެކިދެއެވެ.
އޭނާގެ އެ އިންތިޒާރަށް ނިމުން އައީ ބަންލާފައި ޖެހި ދޮރުގެ ވަރުގަދަ
އަޑުންނެވެ. އޭނާގެ މުސްކުޅި ހަށިގަނޑު ތެޅިގަނެގެން ދިޔައީ ލިބުނު ކުއްލި
ސިހުމެއްގެ ސަބަބުންނެވެ. ދަރިފުޅު ނިކުމެގެން ދިޔައީކަން އޭނާއަށް
ކަށަވަރުވިއެވެ.
އަހަންމަދުފުޅު ދެ ލޯ ފޮހެލުމަށްފަހު ހަށިގަނޑު ދަމާލައި، ލޯ މަރައިލިއެވެ.
މިގޮތުގައި މާ ގިނައިރުތަކެއް ނުވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު
ހުޅުވިއްޖެއެވެ. އޭނާއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ. ދޮރުމަތީގައި ހުރީ
އޭނާގެ ދަރިފުޅެވެ. ދަރިފުޅެކޭ ބުނިނަމަވެސް އޭނާގެ ސިފަ އިންސިއަކާ
ވައްތަރެއްނޫނެވެ. ހީވަނީ އާ ބާވަތެއްގެ ޖަނަވާރެއް ދޮރުމަތީގައި ހުރި
ހެންނެވެ. ބޮލުގެ ދިގު އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. ބޮލާއި ތުނބުޅިއާއި
މަތިމަހާއި ބުމައަށް ދާންދެން ވަނީ ކުލަ ޖައްސާފައެވެ. ތިރީ ތުންފަތާއި
ދަތްދޮޅިން އެއް އަރިމައްޗާއި ނޭފަތާއި ބުމަ ތޮރުފައި ބޮޑެތި ބޮޅާއި މޮހޮރު
ކަހަލަ އެއްޗެހި އަޅުވާފައި ހުރި އިރު، ޗޭނާއި ޕެކިނާއި އޭތި މީތިން
ފުރިފައިވާ ދެ އަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ހުރީ ތޫނު ވަކިތަކެއްހެން
ދިގުކޮށްފައެވެ.
އޭނާގެ އަލިފާންކަނި ބުރަބުރާހުރި ދެ ލޯ ސީދާކުރެވިފައިވަނީ މުސްކުޅި
ބައްޕައާ ދިމާއަށެވެ. އޭނާ އަވަސް އަވަހަށް އެނދުން ތެދުވިއެވެ. ފެން
ދަމާލާފައިވާ އެ މޫނުމަތިން، ބިރާއި ސިހުން ފާޅުވާންފެށިއެވެ. އެހެނަސް
މިއިން ކަމަކަށް ބެލުމެއް ނެތި، ޒުވާނާ ކޮޓަރިތެރެއަށް ދެމިގެންފިއެވެ.
އެދިޔަ ބާރު މިނުގައި ގޮސް ފުރަތަމަ ވެސް ހިފީ ބައްޕަގެ ކަރުގައި އަޅާފައިވާ
ފަލަ ޗޭނުފަށުގައެވެ. ދެ އަތުންނެވެ. ކުޑަކުޑަ ހިނދުކޮޅެއް ވެސް ނުދީ، ޖެހި
ގަދަފަދަ އެންމެ ލަތްކަކުން އެ ފަލަ ޗޭނުފަށް ކަނޑާލައިފިއެވެ. އެވަގުތު
އަހަންމަދުފުޅުގެ ހަންދޫވެފައިވާ ކަރުން ހަންމެށި، ލޭ ކޮށިގެން ދިޔައެވެ.
ވީތަދެއްގެ ބޮޑުކަމުން އޭނާގެ ދެ ލޯ މެރުނެވެ. އެއާއެކު ކަރުގައި ދެއަތުން
ހިފެހެއްޓިތަން ފެނުނެވެ.
ޒުވާނާގެ ހިތަކަށް ރަޙުމެއް ނުވަނެވެ. ޗޭނުގަނޑު އެއްލައިލުމަށްފަހު ދެން
ހިފީ، އަހަންމަދުފުޅުގެ ކަނާތު ކަންފަތުގައި ހަރުކޮށްފައި ހުރި މުދީގައެވެ.
ޖެހި އެންމެ ލަތްކަކުން ދަމައިގެންފިއެވެ. ކަންފަތު ފޫޅުގަނޑު ދިޔައީ
އިރައިގެންނެވެ. ކޮނޑުމައްޗަށް ލޭތައް އޮހިގެންފިއެވެ. އަހަންމަދުފުޅަށް
ރޮއިގަނެވުނެވެ. އެވަގުތު ޒުބޭދާ އައިސް ދޮރުމައްޗަށް އެރިތަން ފެނުނެވެ.
ފެނުނު އަނިޔާވެރި މަންޒަރުގެ ސަބަބުން އޭނާއަށް ވެސް ރޮއިގަނެވުނެވެ.
ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެވުނެވެ. އޭނާ އުޅުނީ ދަރިފުޅުގެ
ކިބައިން ފިރިމީހާ ސަލާމަތް ކުރެވޭތޯއެވެ. އެހެނަސް އެއަށްވުރެ ކުރިން އަނެއް
ކަންތަފުގައި އަޅުވާފައިހުރި މުދި ވެސް ދަމައިގެންފިއެވެ. ލޭތައް
އޮހިގެންފިއެވެ. ޒުބޭދާއަށް މާ ބާރަށް ރޮއިގަނެވުނެވެ. އެވަގުތު
އަހަންމަދުފުޅަށް ސިހިފައި ހޭލެވިއްޖެއެވެ. އޭނާއަށް ފުންމައިގެން
ތެދުވެވުނެވެ. ކޮޓަރީގައިވަނީ ހަމަހިމޭންކަމެވެ.
ފެނުނު ބިރުވެރި ހުވަފެނުގެ މަތިން ފިކުރު ހިންގައިލާނޭ ފުރުޞަތެއް
އަހަންމަދުފުޅަކަށް ނުލިބުނެވެ. ކުއްލިއަކަށް ކޮޓަރީ ދޮރު ހުޅުވިއްޖެއެވެ.
ކުރިމަތީގައި ހުރީ އޭނާގެ ދަރިފުޅެވެ. ކުރިއާ ވަރަށް ތަފާތެވެ. ބޯ ހުރީ
ކޮށާފައެވެ. އަތަކު ކަރަކު ފަށެއް ޗޭނެއް އެއްޗެއް ނެތެވެ. ކަންފަތާއި
ނޭފަތާއި ތުންފަތާއި ބުމައާއި މިއިން އެއްވެސް ތަނަކު އެއްވެސް އެއްޗެއް
ހަރުކޮށްފައެއް ނެތެވެ. އާއެކެވެ. އޭނާ އެ ހުރީ މުޅިން ބަދަލުވެފައެވެ.
އެހެން މީހަކަށްވެފައެވެ.
“ބައްޕާ!” އޭނާ އައިސް ކޮޓަރިއަށް ވަދެ އަހަންމަދުފުޅުގެ ގައިގައި
އޮޅުލައިގަތެވެ. “ބައްޕާ! އަހަރެން މިއައީ ބައްޕަ ބޭނުންވި ގޮތަށް
ބަދަލުވެގެން. ބައްޕަވެސް ދެން ތިއުޅުން ދޫކޮށްލާ!”
އަހަންމަދުފުޅަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މިފަހަރު އެ ދެ ލޮލުން
އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ. މިއީ އޭނާ ހާދަ ދެކެން ބޭނުންވި
ދުވަހެކެވެ. އެކަމަށްޓަކައި އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އެންމެފަހުން
އޭނާގެ އުޅުން ދަރިފުޅުގެ އުޅުމާ އެއްގޮތަށް ބަދަލު ވެސް ކުރީއެވެ. މާބޮޑު
އުއްމީދަކާއެކަކު ނޫނެވެ. އެހެނަސް ﷲއަށް ޝުކުރު ހުއްޓެވެ.
އަހަންމަދުފުޅު މަޑުމަޑުން ދަރިފުޅާ ދުރަށް ޖެހިލިއެވެ. އެއަށްފަހު އޭނާގެ
އަތާއި ކަރާއި ކަންފަތުގައި ހުރި ހުރިހާ އެއްޗެއް ނަގައި ދަރިފުޅުގެ އަތުގެ
ތެރެއަށް ލިއެވެ. ދަރިފުޅު އެއަށް ބަލައިލިއެވެ. ކަރުނައިން ފޯވެފައިވާ
ދެލޮލުންނެވެ.
“ގެނޭ ތި އެއްޗެހި މަންމަ އަތަށް. ކުނިއުކާމީހާ މިހާރު އަންނާނެ.” ދަރިފުޅާ ދިމާއަށް ޒުބޭދާ އަތް ދިއްކޮށްލިއެވެ. އޭރު ޒުބޭދާގެ ދެ ލޮލުން ވިދަވިދާ ހުރީ އުފާވެރިކަމުގެ ކަރުނައެވެ.