ޗުއްޓީ ދަތުރު
މުހައްމަދު ގާސިމް
ފުރަތަމަޓާމުގެ ޗުއްޓީގެ
ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އުޑުމަތި ސާފު ރީތި ދުވަހެކެވެ. ގްރޭޑް 3 ގައި ކިޔަވަމުން
އަންނަ ކުޑަކުޑަ ނަވާޒާއި އޭނާގެ އާއިލާގެ މެންބަރުންނާއި އޭނާގެ އެކުވެރި އަލީއާއި
އަލީގެ ކުޑަކުޑަ އާއިލާގެ މެންބަރުން، ފާލަން ކައިރީގައި އޮތް ކުޑަ ދޯންޏަށް އެރީ،
އެރަށް ކައިރީގައި އޮތް ފަޅުރަށެއް ކަމަށްވާ “ދޮންވެލިހުރަ”އަށް ދަތުރު ދިޔުމަށެވެ.
ޖެހޭ ނަލަ ވައިރޯޅީގައި
ދުވަމުން ދިޔަ ދޯނި، ބާރު ދުވެލީގައި ގޮސް ދޮންވެލި ހުރާގެ ފަޅަށް ވަދެއްޖެއެވެ. އެ
ސާފު ހުދު ފަޅާއި ރަށުގެ ދޮންވެލި ގޮނޑޮދޮށާއި، ފެހިކަން ގަދަ ގަސްތައް ނަވާޒާއި ދަތުރުގެ
ބައިވެރިންނަށް މަރުހަބާ ކިޔަމުން ދާކަހަލައެވެ. ދޯނި އެޅުމާއެކު، ނަވާޒުގެ ބައްޕަ
ލަތީފު މޫދަށް ފުންމާލައިފިއެވެ. ބައްޕަ އުޅުނީ ނަވާޒު ވެސް މޫދަށް ބާލާށެވެ. ނަވާޒަކީ
އަބަދުވެސް މޫދުދެކެ ބިރުގަންނަ ކުއްޖެކެވެ. ފަތާކަށް ވެސް އޭނާއަކަށް ނޭނގެއެވެ. އެހެންކަމުން
މޫދަށް ފައިބާކަށް ނަވާޒަކަށް ނުކެރުނެވެ.
ހެނދުނުގެ ސަޔަށްފަހު،
އެންމެ ފުރަތަމަ އޮތީ ބޯޅަ ކުޅުމެވެ. ދޮންވެލި ހުރާގެ ހުޅަނގު ފަރާތުގައި އޮތް ހިތްގައިމު
ދޮންވެލި ތުނޑީގައި، ނަވާޒާއި އޭނާގެ ބޭބެ ފަވާޒާއި އެކުވެރި އަލީގެ އިތުރުން، އަލީގެ
ބައްޕަ ޖަލީލާއި ނަވާޒުގެ ބައްޕަ ވެސް ފުޓުބޯޅަ ކުޅުމުގައި ބައިވެރިވިއެވެ. މެޗުގައި
ނަވާޒު ތިންލަނޑު ޖެހިއެވެ. އެހެންކަމުން ނަވާޒު ހުރީ ވަރަށް އުފާވެފައެވެ. އަލީއަށް
ޖެހުނީ އެންމެ ލަނޑެކެވެ.
“ހިނގާ މޫދަށް އެރެން.
މަންމަ މިއުޅެނީ މޫދަށް އެރެން.” ނަވާޒު ކުޅެ ނިންމާފައި އައުމުން، ނަވާޒުގެ މަންމަ
ބަޞީރާ ބުންޏެވެ.
“ކޮއްކޮ މޫދަކަށް
ނޭރޭނަން. ބައްޕަ އާއެކު މަސްބާނަން ދާނީ.”
“މިއަދު ޖެހޭނެ
މަސްބާނައިގެން ބާބަކިއު ހަދަން. ކޮން ބައެއް މަސްބާނަން ދާނީ؟” ލަތީފު އެހިއެވެ.
ނަވާޒު ފިޔަވައި އެއްވެސް
މީހަކު މަސްބާނަން ދާކަށް ބޭނުމެއް ނުވިއެވެ. އެންމެން ވެސް ބޭނުންވީ މޫދަށް އެރޭށެވެ.
އެހެންކަމުން ނަވާޒު ގޮވައިގެން ލަތީފު ހިނގައިގަތީ، ރަށުގެ އިރުމަތީ ފަރާތަށެވެ. އެ
ދިމާގައި އޮންނަ އާނުގަނޑުގެ ބޭރުން ގިނިމަހާއި ފިލޮޅު ބޭނޭނެތީއެވެ.
ނަވާޒުގެ ދެބަފައިން މަސްބާނަން
ދިޔުމުން، އެހެން މީހުން އެރުނީ މޫދަށެވެ. މޫދުގައި އެ މީހުން މަޖާނަގަމުން ގެންދިޔައެވެ.
ފުރަތަމަ އެންމެން ދޯނި ކައިރިއަށް ގޮސް ކުޅުނީ “ލަގޮނޑި” އެވެ. އެއީ މަޖާ ކުޅިވަރެކެވެ.
ދޯނި ދަށުން އައިސް ހިފެހެއްޓީމާ އެ ލިބޭ ސިހުމާއި، ލަވައިގަންނަ ހަޅޭކުގެ އަޑުން މުޅި
ހިސާބު ހުންނަނީ އަޑުބައްދާލާފައެވެ.
“ދެން ހިނގާ އެހެން
ކުޅިވަރެއް ކުޅެން.”
ޖަލީލު މިހެން ބުނެފައި
އެނބުރެލި ވަގުތު، އޭނާގެ ލޮލުގައި އަޅައިގަތީ، ރަށުގެ އުތުރުކޮޅުން އެ ދިމާއަށް ދުވަމުން
އަންނަ ލަތީފެވެ. ލަތީފާއެކު ނަވާޒު އަންނަތަނެއް ނުފެނެއެވެ. މި މަންޒަރު ފެނުމާއެކު
ބަޞީރާގެ ހަރަކާތަށް ވަގުތުން ހުއްޓުން އަރައިފިއެވެ. ކުއްލިއަކަށް މޭ ތެޅިގެންފިއެވެ.
އަވަސް އަވަހަށް އެއްގަމަށް އެރުމަށް ޓަކައި ހިނގައިގަނެވިއްޖެއެވެ. އެހެން މީހުން
ވެސް އޭނާގެ ފަހަތުން ހިނގައިގެންފިއެވެ. އޭރު ލަތީފު އައިސް އެ މީހުންނާ އަރައި ހަމަވަނީއެވެ.
“ނަވާޒު އައިތަ؟”
ހާސްވެ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން، ލަތީފަކަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ.
“ނާދޭ! މިތާކަށް
ނާދޭ! ކޮބާ އެސޮރު؟” ކަންބޮޑުވިލެއް ބޮޑުކަމުން ބަޞީރާގެ އަޑު ބާރުވިއެވެ.
“ހޭޅިކައިރީގައި
ބައިންދާފައި އަހަރެން އެރީ އާނުގަނޑުމައްޗަށް. މަހެއް ބޭނޭތޯ އުޅެއުޅެފައި އެނބުރި
ބަލައިލިއިރު އެތާކު ނެތް. ގޮވަގޮވާ އަޑު ނީވެގެން މުޅި އެހިސާބުގަނޑު ބަލާފައި މިއައީ.
މި ތާކަށް ނާދޭތަ؟” ލަތީފުގެ ވާހަކަ ނުނިމެނީސް ބަޞީރާއަށް ރޮވިއްޖެއެވެ.
ދަތުރުގެ މަޖަލާއި ފޯރިއަށް
ވަގުތުން ނިމުން އަތުވެއްޖެއެވެ. އެންމެން އަވަސްވެގަތީ ނަވާޒު ފެނޭތޯއެވެ. ލަތީފާއި
ޖަލީލު ދުއްވައިގަތީ އާނުގަނޑާ ދިމާއަށެވެ. ފަހަތުން އެހެން މީހުން ވެސް ދުވަންފެށިއެވެ.
ބަޞީރާއާއި ފަވާޒު ވެސް ރޮމުން ރޮމުން އެދިމާއަށް ދުވަން ފެށިއެވެ.
“މޫދަކަށް ނޭރޭނެތަ
އެސޮރެއް؟” މުޅި އެ ސަރަޙައްދުގެ ގޮނޑުދޮށް ބެލުމަށްފަހު ނަވާޒުގެ އެއްވެސް ނިޝާނެއް
ނުފެނުމުން ލަތީފު ގާތު ޖަލީލު އެހިއެވެ.
“ނޭރޭނެ. އޭނަ މޫދުދެކެ
ވަރަށް ބިރުގަންނާނެ!” ލަތީފު ފެންކަޅިވެފައި ހުރެ ބޯ ހޫރައިލިއެވެ.
އެހައިތަނުން ލަތީފާއި
ޖަލީލު ނިންނމީ ވަލަށް ވަނުމަށެވެ. އެންމެންގާތު އާނުގަނޑު ކައިރީގައި ތިބުމަށް ބުނެފައި،
ހޭޅިއާދިމާއަށް އެ ދެމީހުން ހިނގައިގެންފިއެވެ. ގަސްބޯ ވަލުތެރޭގައި އެކި ދިމަދިމާއަށް
ބަލަަމުންނެވެ. ބޯކެޔޮފާތަކުގެ ތެރެއަށެވެ. މިދިލި ކާނި ގަސްގަހުގެ ކުރިއަށެވެ. ރުއްރުކުގެ
ކޮޅަށެވެ. ނަވާޒުގެ އެއްވެސް ހިލަމެއް ނުވިއެވެ. ލަތީފުގެ ދެލޮލުން ކަރުނަ ފައިބާން
ފަށައިފިއެވެ. ރޮވޭން ފަށައިފިއެވެ.
ގާތްގަނޑަކަށް ގަޑިއެއްހައި
އިރު ވަލުތެރޭގައި އެ ދެމީހުން ހިނގައިފިއެވެ. މުޅި ވާ އެއްކޮށް ކަހަލަ ގޮތަކަށް އަތްފުނާ
އެޅިއްޖެއެވެ. ވަރުބަލިވެ ދާހިއްލާ ފޯވުމުގެ އިތުރުން ލިބުނީ އިތުރު މާޔޫސްކަމެކެވެ.
އެންމެފަހުން އެ ދެމީހުން ހިނގައިގަތީ ވަލުން ނިކުތުމަށެވެ.
އެހެން މީހުން ތިބި ދިމާއަށް ނިކުތުމާއެކު، ލަތީފާއި ޖަލީލަށް ލިބުނީ ކުއްލި ހައިރާންކަމެވެ. އެ ހައިރާންކަމުގެ ތެރެއިން ބޮޑު އުފަލެވެ. އެންމެން ހޭޅިކަރީ ހިޔަލުގައި އިށީނދެ ތިބިއިރު، ބަޞީރާގެ އުނގުގައި އެ އިނީ ނަވާޒެވެ. ލަތީފަށް ދުވެފައި އައިސް ނަވާޒުގެ ގައިގައި އޮޅުލައިގަނެވުނެވެ. ވީގޮތް އެގުނީ ބަޞީރާގެ ފުށުންނެވެ. ނަވާޒު އޮތީ އެ ދިމާ އެއްގަމުގައި ހުރި ކުޑަ ފަންގެގަނޑެއްގެ ތެރޭގައި ނިދާފައެވެ. ފެނުނީ ފަވާޒަށެވެ. ކުރިން އެ ގޭތެރެ ބަލައިލަން އެކަކަށް ވެސް ނޭނގުނީއެވެ. ލަތީފާއި ޖަލީލު ފޯނު ނުލައި ދިޔުމުން، އެންގޭނެ ގޮތެއް ނެތިފައި އެ މީހުން އަންނަންދެން އެ ތަނުގައި އެންމެން ތިބީއެވެ.