ބަސް މަރުވުން
ސަގާފަތާ ބަހަކީ ގުޅިލާމެހިފައިވާ ދޭއްޗެވެ. ސަގާފަތްތައް އުފެދި ނެތިދާ ފަދައިން ބަހަކީ ވެސް އުފެދި، ނެތިދާ އެއްޗެކެވެ. ބަދަލުތައް އަންނަ އެއްޗެކެވެ. މަރުވެދާ އެއްޗެކެވެ. ބަހެއް މަރުވިކަމަށް ބަލަނީ އެބަހަކުން ވާހަކަދައްކާ އެންމެ ފަހު މީހާ ދުނިޔެ އާއި ވަކިވުމުން ކަމަށް އަނޮޝްކާ ފޮލްޓެޒް (2012) ހާމަކުރައްވާފައިވެއެވެ. މިގޮތުން ބަސް މަރުވުމަށް ނުވަތަ ނެތި ދިޔުމަށް މެދުވެރިވާ މައިގަނޑު ތިން ސަބަބެއްވާކަމަށް ޑޭވިޑް ކްރިސްޓަލް (2003) ހާމަކުރައްވާފައިވެއެވެ.
ހޫލަ 1 (ބަސްމަރުވާކަމަށް ކްރިސްޓަލް (2000)
ހާމަކުރައްވާފައިވާ ސަބަބުތައް)
ހޫލަ 1 އިން ދައްކުވައިދެނީ ބަސް މަރުވާ ސަބަބުތައް ކަމަށް
ޑޭވިޑް ކްރިސްޓަލް (2003) ހާމަކުރައްވާފައިވާ ސަބަބުތަކެވެ. މިގޮތުން މައިގަނޑު
ތިން ސަބަބެއްވާކަން ފާހަގަކުރެވެއެވެ.
ހ- ޖިސްމާނީ ސަބަބުތައް
ބަހެއް ނެތިގެން ދިޔުމަށް ނުވަތަ މަރުވުމަށް މެދުވެރިވާ
އެއް ސަބަބަކީ ޖިސްމާނީ ސަބަބުތަކެވެ. ޖިސްމާނީ ސަބަބުތަކުގެ ތެރޭގައި
މުޖުތަމައުއަކަށް ކުރިމަތިވާ ނުވަތަ ކުރިމަތިވާ ތަފާތު ކާރިޘާތައް ހިމެނެއެވެ.
މިގޮތުން ބަލިމަޑުކަން، ތަދުމަޑުކަން، ގުދުރަތި ބޮޑެތި ކާރިޘާތައް، ހިޖުރަކުރުން
ފަދަ ކަންތައްތައް ހިމެނެއެވެ. މިފަދަ ކަންތައްތަކަކީ އެކަންތައްތައް
މެދުވެރިވުމުގެ ސަބަބުން އެބަހަކުން ވާހަކަދައްކާ އެތައް ބަޔަކު ނުވަތަ އެންމެން
ވެސް ދުނިޔެއާ ވަކިވެގެން ދިއުމަށް މަގުފަހިވާ ސަބަބުތަކަކަށްވެދާނެއެވެ. އެކަމުގެ
ސަބަބުން އެބައިމީހުންގެ ބަސް ނެތިދިއުމަކީ ގާތްކަމެކެވެ. 1998 ވަނަ އަހަރު ޕައުޕާ ނިއުގިނިއަށް
ކުރިމަތިވި ބިންހެލުމުގެ ކާރިޘާގައި ސިސާނޯ، ވަރައްޕޯ، އަރޯޕް، މަލޯމޯ ސަހަރު
މުޅިން ހަލާކުވެގެންދިޔަކަމަށް ނޭޝަނަލް ސެންޓަރ ފޯރ އެންވައިރުމެންޓަލް
އިންފޮމޭޝަން (2019) ގައި ލިޔެފައިވެއެވެ. އެކަމުގެ ސަބަބުން 1،600 މީހުން މަރުވެ،
1،000 މީހުން ޒަހަމްވެ، 10،000 ވުރެ ގިނަ މީހުން ގެއްލުނެވެ. މި ކާރިޘާގެ ސަބަބުން
ޕައުޕާ ނިއުގިނީ ބަހުގެ މާދަރީން ނެތިގޮސް ބަހަށް ހީނަރުކަން ލިބިގެންދިޔައެވެ.
1845 އިން 1846 އަށް އައިރިސްއަށް ކުރިމަތިވި ތަދުމަޑުކަމުގެ ސަބަބުން އެބަހުން
ވާހަކަދައްކާ އެއް މިލިޔަނަށްވުރެ ގިނަ މީހުން މަރުވެގެންދިޔައެވެ. އަދި
ހަމައެހެންމެ އެ ގައުމުގެ އެތައް ބަޔަކު އެހެން ގައުމުތަކަށް ހިޖުރަކޮށް އެތަނުގެ
އާބާދީ 8 މިލިޔަނުން 6.5 މިލިޔަން މީހުނަށް މަދުވެގެން ދިޔައެވެ. ނަތީޖާއެއްގެ
ގޮތުން އައިރިސް ބަހުން ވާހަކދައްކާ ކުރިކުދި މުޖުތަމައުތައް އުވު، އެ ބަސް
ނެތިގެން ދިޔައެވެ. އެހެންކަމުން މިއީ ވެސް ބަސް މަރުވުމަށް މެދުވެރިވާ
ސަބަބުތަކެވެ.
ޖިސްމާނީ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ބޭނުމަށްޓަކައި
ބައެއް ބަސް ބަސް ނައްތާލުން ހިމެނެއެވެ. އެއީ އެތަނުގައި ހިނގާ ދާޚިލީ
ހަނގުރާމައެއް ނުވަތަ ބައިނަލްއަޤްވާމީގޮތުން އުފެދޭ ހަމަނުޖެހުމެއްގެ ސަބަބުން
ކަމަށް ވެސް ވެދާނެއެވެ. މިސާލަކަށް ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ
ސަބަބުން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު އެކި ޤައުމުތަކަށް
ހިޖުރަކޮށްފައިވެއެވެ. އެހެންކަމުން މި މީހުން ވާހަކަދައްކާ ބަސްތައް ވެސް
ނެތިދިއުމަށް މަގުފަހިވެއެވެ. މިފަދަ ޖިސްމާނީ ތަފާތު ސަބަބުތަކާ ގުޅިގެން ވެސް
ބަސް މަރުވުމަށް މަގުފަހިވެއެވެ.
ށ- ސަގާފީ ސަބަބުތައް
ބަހަކުން ވާހަކަދައްކާ މީހުން ދިރިތިބިކަމުގައިވީ
ނަމަވެސް، އެބަހެއް މަރުވެގެން ހިނގައިދާނެ ކަމަށް ޔުމްނާ މައުމޫނު (2007)
ލިޔުއްވާފައިވެއެވެ. އެއީ ސާގާފިގޮތުން ނުފޫޒުގަދަ އެހެން ބައެއްގެ ގޮތްތައް އެ
މުޖުތަމައުއަކުން ބަލައިގަތުމުންނެވެ. ބައެއް މުޖުތަމައުތަކުގައި، ވަކި ބަހަކަށް
އިސްކަންދީ، ކުދި މުޖުތަމައުތައް ވާހަކަދެއްކުމަށް ބޭނުންކުރާ ބަހަކީ އެހާ
މުހިންމު ބަހެއްކަމަށް ނުދެކެއެވެ. ސްކޫލާއި، އާންމު ތަންތަން އަދި މީޑިޔާގައި މައިނޯރިޓީ
ބަސް ބޭނުންކުރުން މަނާކުރުމަކީ، އެ ބަސް ނެތިދިޔުމަށް މަގުފަހިވާ ކަމެކެވެ.
އެހެންކަމުން މިފަދަ ސަގާފީ ސަބަބުތަކަކީ ވެސް ބަސް މަރުވުމަށް މަގުފަހިވާ
ސަބަބުތަކެކެވެ.
ނ- އެހެނިހެން ސަބަބުތައް
ސަބަބުތައް ކަމަށް ބަލާފައިވަނީ ކަނޑައެޅިގެން ވަކި ގޮތެއް
ނިންމަން ނޭނގި ބަސްތައް މަރުވެގެން
ދިއުމެވެ. މިސާލަކަށް ކޮލަމްބިޔާގެ މީހުން ވާހަކަދައްކާ ވަރަށް ގިނަ ބަސްތަކެއް
ނެތިގެން ދިޔައީ އެތަނުގައި އުފެދުނު އަނިޔާވެރިކަމާއި، ދުއްތުރާތަކުގެ ސަބަބުން
ކުދިކުދި މުޖުތައުތަކަށް މައްސަލަތައް ކުރިމަތިވެ، އެ މުޖުތަމައުތައް
ބައިބައިވުމުގެ ސަބަބުން ކަމަށް ޑޭވިޑް ކްރިސްޓަލް
(2003) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން މިފަދަ ކަނޑައެޅިގެން ގޮތް ނިންމަން
ނޭނގޭ ސަބަބުތަކާ ގުޅިގެން ވެސް ބަސް މަރުވެދެއެވެ.
ބަސް ނެތިގެންދާއިރު ކަނޑަތުކުރާ
މަރުހަލާތައް
ބަސް ނެތިދާ ވެސް ތަފާތު ގޮތްތައް ވެއެވެ. މިގޮތުން
ގުރެޖުއަލް ލެންގުއޭޖް ޑެތް، ސަޑަން ލެންގުއޭޖް ޑެތް ރެޑިކަލް ޑެތް، ބޮޓަމް ޓު
ޓޮޕް / ޓޮޕް ޑައުން ލެންގުއޭޖް ޑެތް ހިމެނެއެވެ.
1- ގުރެޖުއަލް ލެންގުއޭޖް ޑެތް
މިއީ އެ ބަހުގެ މައްޗަށް އެހެން
ބަހެއްގެ ނުފޫޒުގަދަވުމުން، އެ ބަސް ނެތިގެން ދިޔުމެވެ. މިގޮތަށް ބަސް
ނެތިގެންދާއިރު، އެ ބަސް ނެތިގެންދަނީ ހަރުފަތަކަށްފަހު، ހަރުފަތެއް
ގިރާކުރަމުންނެވެ.
ހޫލަ 2 (ގްރެޖުއަލް
ޑެތްގައި ކަނޑަތުކުރާ މަރުހަލާތައް)
ހޫލަ 2 އިން ދައްކުވައިދެނީ ގުރުޖުއަލް ޑެތްގައި ބަސް
މަރުވުމަށް ކަނޑަތުކުރާ މަރުހަލާތަކެވެ. މިގޮތުން އެންމެ ފުރަތަމަ
އެމުޖުތަމައުއެއްގައި ދިރިއުޅޭނީ އެއްބައްސައިންކަމަށް ޑޭވިޑް ކްރިސްޓަލް (2003)
ލިޔުއްވާފައިވެއެވެ. އެއަށް ފަހު، އިޖުތިމާއީ ނުވަތަ އިގްތިދާސީ ސަބަބުތަކަށްޓަކައި
ދެވަނަ ބަހެއް އެ މުޖުތަމައުއަށް ތައާރަފްކުރެވިގެންދެއެވެ. ކުޑަކުދިންނާއި
ޒުވާނުން ފަރިތަކަމާއެކުގައި، އެ ބަސް ބޭނުންކުރަން ފަށައެވެ. މަޑު މަޑުން ޒުވާނުންނާއި
ކުޑަކުދިން މާދަރީ ބަސްދެކެ ފޫހިވެ، ދެވަނަ ބަހަށް އިސްކަންދޭން ފަށައެވެ. އޭގެފަހުން
ފުރަތަމަ ބަސް ނެތިގޮސް އެ ތަނުގައި ބޭނުންކުރާ ބަހަކީ ދެވަނަ ބަސް ކަމުގައި
ވެގެންދެެއެވެ. އެހެންކަމުން ގްރެޖުއަލް ލެންގުއޭޖް ޑެތްގައި ، ބަސް މެއިންޓެއިން
ކުރަން ފުރުސަތުތަކެއް، ވަގުތުތަކެއް ލިބިގެންދާނެކަމަށް އެބޭފުޅާ
ލިޔުއްވާފައިވެއެވެ.
2- ސަޑަން ލެންގުއޭޖް ޑެތް
ސަޑަން ލެންގުއޭޖް ޑެތަކީ ދެވަނަ ބަހަކަށް ދައުވަތު
ދިނުމަކާއި ނުލައި، މާދަރި ބަސް މަރުވެ ދިޔުންކމަަށް ޑޭވިޑް ކްރިސްޓަލް (2003)
ބަޔާންކުރައްވާފައިވެއެވެ. މިފަދައިން ދިމާވަނީ، ދިމާވާ ކާރިޘާތަކުގެ ސަބަބުން،
އެބަހަކުންވާހަކަދައްކާ މާދަރީން މަރުވެ ދިޔުމުންނެވެ. މިކަން ހިނގަނީ ވަރަށް
ކުުރު މުއްދަތެއްގެ ތެރޭގައެވެ. މިސާލަކަށް ޓަސްމާނިޔާގައި ކުރިއަށް ދިޔަ
"ބްލެކް ވަރ" ގެ ސަބަބުން ހުރިހާ އެންމެން މަރުވެ ގޮސް، އެ ބަސް
ނެތިގެން ދިޔައެވެ. މިއީ ވެސް ބަސް މަރުވެދާ ގޮތެކެވެ.
އެހެންނަމަވެސް މިގޮތުގައި ކަނޑަތުކުރާ ހަރުފަތްތަކެއް ނުވާކަން ފާހަގަކުރެވެއެވެ.
3- ރެޑިކަލް ޑެތް
ރެޑިކަލް ޑެތާއި، ސަޑަން ޑެތް މިއީ ދާދި އެއްގޮތް
ދޭއްޗެވެ. ރެޑިކަލް ޑެތްގައި ވެސް ބަސް ނެތިގެން ދަނީ ވަރަށް އަވަސް ނުވަތަ ކުރު
މުއްދަތެްގެ ތެރޭގައެެވެ. މިއީ އަމިއްލަ ނަފުސު ރައްކާކުރުމަށާއި، ސިޔާސީ ނުފޫޒުގެ
ސަބަބުން ބަސް ނެތިގެން ދިޔުމަށް މަގުފަހިވުމެވެ.
4- ބޮޓަމް ޓު ޓޮޕް / ޓޮޕް ޑައުން ލެންގުއޭޖް ޑެތް
ބޮޓަމް ޓު ޓޮޕްގައި އެންމެ ފުރަތަމަ ގޭތެރޭގައި މާދަރީ
ބަސް ބޭނުންކުރުމުގައި ބަދަލުތަކެއް އަންނަކަމަށް ޔުމްނާ މައުމޫން (2007)
ލިޔުއްވާފައިވެއެވެ. މުޖުތަމައުގެ ކުދި ކުދި ގުރޫޕުތަކާއި، އާއިލާގެ ތެރޭގައި ވެސް
މި ބަދަލުތައް އާދެއެވެ. އެއަށްފަހު ބަހަށް އެކަމުގެ ނުފޫޒު ފޯރައި ބަސް ނެތިގެން
ދިއުމަށް މަގުފަހިވެއެވެ. މިއީ ވެސް ބަސް ނެތިގެން ދިއުން ދިގު މުއްދަތަކަށް
ދެމިގެންދާ ގޮތެކެވެ.
ޓޮޕް ޑައުން ލެންގުއޭޖް ޑެތްގައި މަތީ ފަންތީގައި،
(ސަރުކާރު، އިސްވެރިން) ބަސް ބޭނުންކުރުމުގްި ބަދަލުތަކެއް އާދެއެވެ. އަދި
ލެންގުއޭޖް ޕޮލިސީ އާއި ލޯ އަށް ވެސް ބަދަލުތަކެއް ގެނައުމުގެ ސަބަބުން ބަސް
މަރުވެދިޔުމަށް ނުވަތަ ނެތިދިޔުމަށް މަގުފަހިވެއެވެ. އެހެންކަމުން މިއީ ވެސް ބަސް
މަރުވެދާ ގޮތެކެވެ.
ރިފަރެންސް
1- ނޭޝަނަލް ސެންޓަރ ފޯރ އެންވައިރުމެންޓަލް އިންފޮމޭޝަން. (2019). ޕައުޕާ
ނިއުގިނީ. ނެގީ ޖުލައި 18 ,2020
https://www.ncei.noaa.gov/news/day-papua-new-guinea-tsunami-1998 އިން.
2- އަނޮޝްކާ ފޮލްޓެޒް. (2012). ދަ ނިއު ރިޕަބްލިކް. ނެގީ: ޖުލައި 18 ,2020
https://newrepublic.com/article/125501/languages-die އިން.
3-
ޑޭވިޑް ކްރިސްޓަލް. (2003). ލޭންޖުއޭޖް
ޑެތު. އެމެރިކާ:
ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް. ނެގީ: ޖުލައި 17، 2020)
http://catdir.loc.gov/catdir/samples/cam032/99053220.pdfއިން.
4- ޔުމްނާ މައުމޫން. (2007). ދިވެހިބަހުން ވާހަކަދައްކާ އެއްވެސް މީހަކު ނެތް ދުވަހެއް އަތުވެދާނެބާ؟. ފަތްތޫރަ، 337، ޞ.16-23